ރެއާލް މެޑްރިޑްގެ ޖަރުމަން މިޑްފީލްޑަރު ސާމީ ކެދީރާ މިސީޒަން ނިމެންދެން އެޓީމުގައި މަޑުކުރާނެ ކަމަށް ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފި އެވެ.

ޖަރުމަނަށް މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޓީމުގައި ހިމެނޭ އުމުރުން 27 އަހަރުގެ ކެދީރާ ރެއާލްއާ އެކު އާ ކޮންޓްރެކްޓެއް ހަދަން ދެކޮޅު ހަދާފައިވާ ކަމަށް މީގެ ކުރިން އެންޗެލޮޓީ ބުނެފައިވާ އިރު، ބަޔާން މިއުނިކާއި އާސެނަލުން ވަނީ މި ހިނގާ ޓްރާންފާގައި ކެދީރާ ގެންދަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

"ކެދީރާ އެކު ދިމާވެފައިވާ މައްސަލަތައް ވެސް މިހާރު މިވަނީ ހައްލުކުރެވިފައި. އޭނާ ހުރީ މަޑުކުރާ ގޮތަށް އަދި އަހަރެމެން މިތިބީ ހިތްހަމަޖެހިފައި،" ރެއާލްގެ އިޓާލިއަން ކޯޗު ބުންޏެވެ.

ރެއާލްގެ އާޖެންޓީނާ ވިންގާ އެންޖެލް ޑި މަރިއާ، މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށްޓަކައި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަލްވަދާއު ކިޔާފައިވާ ކަމަށް ވެސް އެންޗެލޮޓީ ބުންޏެވެ.

ޔޫރަޕްގެ ޗެމްޕިއަން ރެއާލްއިން ވަނީ މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށްޓަކައި، ކޮލަމްބިއަން ޕްލޭމޭކާ ޖޭމްސް ރޮޑްރިގޭޒާއި ބަޔާން މިއުނިކްގެ ޖަރުމަނު މިޑްފީލްޑަރު ޓޯނީ ކްރޫސް އެޓީމަށް ގެނެސްފައެވެ.