26 Aug 2014, 01:20
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލް ވީހާވެސް އަވަހަށް ފާސްކޮއްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ޕީޕީއެމްގެ މެންބަރުންގެ ތެރޭގައި ހިމެނޭ ގިނަ ފަންނާނުންތަކެއް ގުޅިގެން އުފައްދާފައިވާ "ޕީޕީއެމްގެ ފަންނުވެރިންގެ" ގޮތްޕަށް އައު ފަންނާނުން ސޮއިކުރުމަށް މިރޭ އިރާކޮޅު އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެސްއީޒެޑްގެ ބިލަކީ ރައްޔިތުންނާ ހުރިހާގޮތަކުން ގުޅޭ، މުހިންމު ބިލެއް ކަމަށެވެ. އަދި މަޖިލީހުގެ މި ދައުރުގެ ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލާ ދޭތެރޭ ގޮތެއް ނިންމައިދިނުމަށް ރައީސް އެދިވަޑައިގަތެވެ.
"އަޅުގަނޑުމެންނަށް މިވަނީ ވަރަށް ވަގުތު ކުޑަވެފައި. އެއީ [އެސްއީޒެޑް ބިލަކީ] ހުރިހާ ރައްޔިތުންގެ އިހުސާސްތަކާއި އުންމީދުތަކާ ގުޅޭ ބިލެއް. އެހެންވީމަ ހުރިހާ އިދިކޮޅު މެންބަރުން ވެސް ޝާމިލުވާ ގޮތަށް އަޅުގަނޑު އިލްތިމާސް ކުރަން އެ ބިލާ ދޭތެރޭ ގޮތެއް ނިންމަވާފައި ނޫނިއްޔާ ތިބޭފުޅުން ޗުއްޓީއަށް ވަޑައި ނުގެންނެވުމަށް،" ރައީސް ވިދާޅުވި އެވެ.
މަޖިލިސް މެންބަރުންނަކީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ތިބި، ރައްޔިތުންގެ މަންދޫބުން ކަމަށާއި ޕީޕީއެމް އަދި އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ރައްޔިތުންނަށްޓަކައި އެސްއީޒެޑްގެ ބިލާމެދު ގޮތެއް ނިންމައިދޭނެ ކަމުގެ އުންމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެންގެ ތަރައްގީގެ ތަސައްވުރު. މިއީ ސަރުކާރު ހިންގަން ތިބި ބައެއްގެ ތަސައްވުރު. މި ތަސައްވުރު ތަންފީޒު ކުރަން އަދި މިނޫން އެހެން ހިޔާލުތަށް ގެންގުޅުއްވާ އިދިކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅުންނަށް އެ ބޭފުޅުންގެ ދައުރުގައި ފުރުސަތު ލިބުނު. އެކަމަކު އެބޭފުޅުން އެކަމެއް ނުކުރެއްވި. އެހެންވީމަ އަޅުގަނޑުމެންނަށް މި ފުރުސަތު ދެއްވާ." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައްޔިތުންނާއެކު ތަހުޒީބާ ހަމައަށް ދަތުރުކުރުމުގެ ފުރުސަތު ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ކަމަށް އިޝާރާތްކުރައްވައި، ޒުވާނުން ބޭކާރު ބަޔަކަށް ނުހަދައި ސަރުކާރު ބޭނުންވާ ފަދަ ތަރައްގީ އާއި ތަހުޒީބަށް ޒުވާނުންނާ އެކު ދިއުމުގެ ފުރުސަތު ސަރުކާރަށް ދެއްވުމަށް މިރޭގެ ރަސްމިއްޔާތުގައި ރައީސް ޔާމީން އިލްތިމާސް ކުރެއްވި އެވެ.