25 Aug 2014, 23:56
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހިންގާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް މީޑިއާތައް ތަމްސީލްކުރާ ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށް މިއަދު ނިންމައިފި އެވެ.
އެމްޖޭއޭގެ ހިންގާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ އަގުލަބިއްޔަތުން ނިންމާފައި ވަނީ އިންތިޚާބުގެ ކަންކަން ހަމަޖައްސައި އަމާން އޮމާންކަމާ އެކު އިންތިޚާބު ކުރިއަށް ގެންދިއުމަށް ހިންގާ ކޮމިޓީ އާއި މީޑިއާތަކުން ފަސް މެންބަރުން ހިމެނޭ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށެވެ. މި ކޮމިޓީ އަށް ކަނޑައަޅާ މެންބަރުން ހޮވުމަށް ނިންމާފައި ވަނީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ނަންނަތަކެއް ހުށަހަޅައި ވޯޓަކަށް އަހައިގެންނެވެ. މި ބައްދަލުވުން މާދަމާ ހަވީރު ބޭއްވުމަށް ވެސް މިއަދު އޮތް ބައްދަލުވުމުގައި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވެ އެވެ.
މީޑިއާތަކުގެ މެންބަރުން ހިމެނޭ ގޮތަށް ޚާއްސަ ކޮމިޓީއެއް އެކުލަވައިލުމަށް ހިންގާ ކޮމިޓީން ނިންމީ ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށް މީގެ ކުރިން ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށް ކާމިޔާބު ވެފައި ނުވާތީ ސުލްހަވެރި އިންސާފުވެރި އިންތިޚާބެއް ވީހާވެސް އަވަހަށް ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.
ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށް މީގެ ކުރިން ބޭއްވި ޖަލްސާތަކުގައި މެންބަރުން ފާޅުކޮށްފައިވާ ޚިޔާލުތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެކަން ކަމަށް ހައްލެއް ހޯދުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ގިނަ ކަންތައްތަކެއް ނިންމައިފަ އެވެ. އެ ގޮތުން އިންތިޚާބުގަައި ވޯޓުލެވޭ ލިސްޓް ފުރިހަމަކުރުމަށް ޓަކައި އަލަށް ރަޖިސްޓްރީކުރުމަށް، އިންތިޚާބަށް އިއުލާންކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމައިފަ އެވެ. ފަސް ދުވަހުގެ މުއްދަތަކަށް ފަހު އިންތިޚާބު ނިމެންދެން ވަގުތީ ގޮތުން މެމްބަޝިޕް އިތުރުކުރުން މެދުކަނޑާލުމަށް ވެސް ހިންގާ ކޮމިޓީން ވަނީ ނިންމައިފަ އެވެ. އަދި ފަސް ދުވަހަށް ފަހު މެންބަރުންގެ ސައްހަ ލިސްޓެއް މި ޖަމިއްޔާގެ ވެބްސައިޓްގައި ޝާއިއުކުރެވޭނެ އެވެ. އެ އަށް ފަހު ޝަކުވާ ހުށަހެޅުމަށް އެއް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އިންތިޚާބުގެ ކުރިން ފައިނަލް ލިސްޓެއް އާންމުކުރުމަށް ވެސް ހިންގާ ކޮމިޓީން މިއަދު ވަނީ ނިންމައިފަ އެވެ. ނަމަވެސް މިހާރު ވެސް މެމްބަޝިޕް ފޯމް ހުށަހަޅައި ރަޖިސްޓްރީކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި މިއަދު ނިންމި އިތުރު ކަންތައްތަކުގެ ތެރޭގައި ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކަށް ކެމްޕެއިން ކުރުމަށް ޖާގަ ދިނުމުގެ ގޮތުން މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމަށް ވަނީ ނިންމައިފަ އެވެ. އަދި ކުރިމަތިލެއްވި ފަރާތްތައް، އިންތިޚާބީ ޖަލްސާގެ ކުރިން އާންމު މެންބަރުންނަށް އެނގޭ ގޮތަށް އިއުލާންކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.