ސިޔާސީ ހުރިހާ ފަރާތްތަކަށް ވެސް ސިޔާސީގޮތުން ވާހަކަދެއްކުމުގެ ފުރުސަތު މިސަރުކާރުން ދޭނެ ކަމަށާއި މި ސަރުކާރުގައި ސިޔާސީ ކުށްވެރިންނެއް ނުތިބޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

"ޕީޕީއެމްގެ ފަންނުވެރިންގެ" ގޮފީގެ ނަމުގައި ގިނަ ދިވެހި ފަންނާނުންތަކެއް ގުޅިގެން އުފައްދާފައިވާ ގޮތްޕަކަށް އައު ފަންނާނުން ސޮއިކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއްވެސް މީހަކު ސިޔާސީ ގޮތުން ކޮންމެ ވާހަކައެއް ދެއްކިނަމަވެސް މިއަދު އެމީހަކު ހައްޔަރު ނުކުރާނެ ކަމަށެވެ.

"މިއަދު ދިވެހި ރައްޔިތުންނާ ސިޔާސީ ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް މިއަދަކު އެ ބޭފުޅަކު އާރަށުގައި ބަންދެއް ނުކުރާނެ. އަދި އެ ވާހަކައެއް ދެއްކި ބޭފުޅަކު މިއަދަކު ދޫނިދޫ އަކަށްވެސް ނުގެންދާނެ. ސިޔާސީ ކޮންމެ މީހަކަށް ދައްކަން ކެރޭ އޭނައަށް އިސްކޮޅު ނުފޯރާ ކޮންމެ ވާހަކައެއް ދެއްކުމުގެ ހުއްދަ މިއަދު އެބައޮތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދުގެ ސަރުކާރުގައި ސިޔާސީ ވެރިންނަށް އެ ފުރުސަތު ދީފައިވީ ފަދައިން މީގެ ކުރިން ވެސް ސިޔާސީ ކުށްވެރިން ނުތިބޭނެ ކަމަށް ގަދައަޑުން ބައެއް ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށެވެ. ނަމަވެސް އެ ބޭފުޅުންގެ ސަރުކާރު ނިމިގެން ދިޔައިރު ސިޔާސީ އެތައް ކުށްވެރިންތަކެއް ތިބި ކަމަށް ކުރީގެ ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވެފައިވާ އިރު ދާދިފަހުން ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ފެންނަންދެން ނުވަތަ އެކަން ކުރިބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަންދެން މުޒާހަރާކޮށް ޖަލަށް ދިޔުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.

"ރާއްޖޭގައި ގެއްލިގެން ހޯދަމުން އަންނަ ނޫސްވެރިޔާ ރިޟުވާން ފެންނަން ދެން ނުވަތަ އެކަމެއް ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަންދެން މުޒާހަރާކޮށް ޖަލަށް ދާންވެސް އަޅުގަނޑު މިހުރީ ތައްޔާރަށް،" ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އޮތީ ގާނޫނީ ނުވަތަ ސިޔާސީ ވެރިކަމެއްތޯ އާއި އެ ވެރިކަމުގައި ފެތުރެމުން ދިޔައީ ކޮން ދީނެއްތޯ ރައްޔިތުންނަށް އޮޅުން އެރިކަމަށާއި، އެފަދަ ކަންކަމާ މެދު އޮޅުންނާރާނަމަ ރައްޔިތުން ނުކުމެ ވެރިކަން ބަދަލުނުކުރާނެ ކަމަށެވެ.

"އެހެން ނޫންނަމަ 2012 ވަނަ އަހަރު ރައްޔިތުން ނުކުމެ އޭރުގެ ސަރުކާރު ވައްޓައި ނުލާނެ. ނަމަވެސް އެހިސާބަށް ކަންކަން ގޮސްފައި އޮއްވައި އަނެއްކާވެސް ރައްޔިތުން މިއަދު ނޭވާ ލާފައިވަނީ އައު ދިވެހިރާއްޖެ އަކަށް،" ރައީސް ވިދާޅުވި އެވެ.