25 Aug 2014, 22:21
ލީގުގެ މެޗެއް ކުޅެ ނިންމާފައި ކުޅުންތެރިއަކު ދަނޑުން ފައިބަނިކޮށް ކުޅިބަލަންތިބި މީހުންގެ ތެރެއިން އެއްލި ގަލަކުން ޖެހި އެ ކުޅުންތެރިޔާ މަރުވުމާ ގުޅިގެން އަލްޖީރިއާގެ ފުޓްބޯޅަ ލީގު ވަކި މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފި އެވެ.
އަލްޖީރިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ލީގު މެދުކަނޑާލަން ނިންމީ ހޮނިހިރުދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.
އުމުރުން 24 އަހަރުގެ ކެމަރޫން ފޯވާޑް އަލްބާޓް އެބޫސީ މަރުވެފައި ވަނީ، ހޮނިހިރު ދުވަހު ޓީޒީ އޫޒޫގައި، އޭނާގެ ކްލަބް ޖޭއެސް ކަބީލީ، އަމިއްލަ ދަނޑުގައި ޔޫއެސްއެމް އަލްޖާ އަތުން ބަލިވި މެޗަށްފަހު ދަނޑުން ފައިބަނިކޮށް، ކުޅިބަލަން ތިބޭ ސްޓޭންޑުގައި ތިބި މީހުންގެ ތެރެއިން އެއްލި ގަލަކުން އޭނާގެ ބޮލުގައި ޖެހި ލިބުނު ސީރިއަސް އަނިޔާގެ ސަބަބުންނެވެ.
އަލްޖީރިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ މެޗުކުޅުނު "1 ނޮވެމްބަރު 1954" ނަމަކަށް ކިޔާ ދަނޑު މުއްދަތެއް ނެތްގޮތަށް ބަންދުކުރަން އަންގައިފައެވެ. އެ ދަނޑު ބަންދުކުރަން ނެރުނު އަމުރު އަލްޖީރިއާގެ ފުޓްބޯޅަކުޅޭ ހުރިހާ ސްޓޭޑިއަމްތަކަކަށް ވެސް ހިންގަން ޖެހޭނެއެވެ.
އަލްޖީރިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލީގު މެދުކަނޑާލަން ނިންމީ، "ކުޅިބަލަން ދަނޑަށް ވަންނަ ހައްދުފަހަނައަޅާފައިވާ ގްރޫޕްތަކުން ހިންގަމުން އަންނަ ހަމަނުޖެހުންތައް، ގަބޫލުނުކުރެވޭ މިންވަރަށް ގޯސްވެފައި ވާތީ، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން،" ކަމަށެވެ.
އެ ހާދިސާގެ ޒިންމާ ނަގަންޖެހޭ ކްލަބު ހޯދައި، އެ ކްލަބެއް ހުރިހާ މުބާރާތަކުން ބޭރުކޮށްލަން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އަލްޖީރިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެބޫސީގެ އާއިލާއަށް އެއް ލައްކަ ޔޫއެސް ޑޮލަރު ދިނުމަށް ނިންމައިފައެވެ. އަދި އޭނާގެ ކްލަބުން ކޮންޓްރެކްޓްގެ މުއްދަތުގައި އޭނާއަށް ދޭންޖެހޭ މުސާރަ އާއިލާއަށް ދޭން ނިންމާފައިވާ އިރު، ޖޭއެސް ކަބީލީގެ ކޮންމެ ކުޅުންތެރިއަކު އެ ކުޅުންތެރިއެއްގެ އެއްމަހުގެ މުސާރަ މަރުވި ކުޅުންތެރިޔާގެ އާއިލާއަށް ދިނުމަށް ނިންމާފައިވާ ކަމަށް ވެއެވެ.
އަލްޖީރިއާގެ އިންޓީރިއާ މިނިސްޓްރީން ވަނީ، އެބޫސީއަށް ހަމަލާދިން ބަޔަކު ހޯދުމަށް ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ފުރިހަމަ ތަހުގީގެއް ހިންގުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފައެވެ. އަދި އެގައުމުގެ ފުޓްބޯޅަ ހަލާކުކުރަން މަސައްކަތްކުރާ "ގުންޑާއިން" ހޯދައި އެފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް އިންޓީރިއާ މިނިސްޓްރީން ގޮވާލާފައިވެއެވެ.
ކުޅުންތެރިޔަކު މަރާލި ނުރައްކާތެރި ހާދިސާ ހިންގާފައި މިވަނީ، އަލްޖީރިއާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗު ނިމުނު ތަނާއެވެ.