އިޓަލީގެ އޭސީމިލާނުން އިނގިރޭސިވިލާތުގެ ލިވަޕޫލަށް ބަދަލުވި ހުނަރުވެރި ފޯވާޑް މާރިއޯ ބަލޮޓެލީ ފުރަތަމަ ފަހަރަށް އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެ އެވެ.

ލިވަޕޫލްގެ ފަރިތަކުރުންތަކުގައި ބަލޮޓެލީ ބައިވެރިވާން ފަށާފައި ވަނީ އެޓީމާ ގުޅުމުގެ ހުރީހާކަމެއް ނިމުމުންނެވެ. ބަލޮޓެލީ ލިވަޕޫލަށް ސޮއިކޮއްފައި ވަނީ މިއަދުގެ ވަގުތެއްގައި 16 މިލިއަން ޕައުންޑްގެ އަގަކަށެވެ. ލިވަޕޫލާއެކު ތިން އަހަރުދުވަހުގެ އެއްބަސް ވުމެއްގައި ބަލޮޓެލީ ވަނީ ސޮއި ކޮށްފައެވެ.

ލިވަޕޫލްގެ މެލްވޫޑް ޓްރޭނިން ސެންޓަރުގައި މިއަދު ބަލޮޓެލީ ތަމްރީން ތަކުގައި ބައިވެރި ވެފައިވަނީ އެ ޓީމުން މި ސީޒަންގައި ބޭނުންކުރާ ތަމްރީން ކިޓްގައެވެ.

ބަލޮޓެލީއަށް ހަފްތާއަކު 90،000 ޕައުންޑްގެ މުސާރައެއް ދޭނެކަމަށް ބެލެވެ އެވެ.

ބަލޮޓެލީގެ ޓްރާންސްފާ ފެއިލްވެދާނެތީވެ ލިވަޕޫލުން ވަނީ މިދިޔަ ސީޒަންގައި ޗެލްސީއަށް ކުޅުނު ސެމުއެލް އެޓޫ ގެންނަން މަސައްކަތްކޮށްފައެވެ.

ބަލޮޓެލީ އެޖެންޓު ބުނެފައިވަނީ ލިވަޕޫލަކީ ބަލޮޓެލީ އެންމެ ފަހުން ކުޅޭނެ ބޮޑު ކްލަބަށް ވުން ގާތް ކަމަށެވެ. އުމުރުން 24 އަހަރުގެ އިޓަލީ ފޯވާޑް ވަނީ މީގެ ކުރިން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީއަށް ވެސް ކުޅެފައެވެ.