ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށާއި އެ މިނިވަންކަމަށް އުނިކަން އަންނަ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އުފައްދާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގަވާއިދު މިއަދު ސަރުކާރު ގެޒެޓްގައި ޝާއިއުކޮށްފި އެވެ.
މީޑިއާ ކައުންސިލްގެ ހިންގުމާއި މީޑިއާގެ ފަރާތްތަކުގެ އަޚްލާގީ މިންގަނޑުތައް ކަނޑައެޅުމުގެ އިތުރުން ކައުންސިލަށް ހުށަހެޅޭ ޝަކުވާތައް ބެލުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކޮށްފައިވާ އެ ގަވާއިދުގެ ދަށުން މީޑިއާގެ 'ކޯޑް އޮފް ކޮންޑަކްޓް' ނުވަތަ އަޚްލާގީ މިންގަނޑު މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭ އެކުލަވާލައި، އާއްމުކުރަން ޖެހެ އެވެ. އަދި އެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވާ ފަރާތްތަކާ މެދު މީޑިއާ ކައުންސިލުން ފިޔަވަޅު އަޅާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
މަހަކު އެއް ފަހަރު މީޑިއާ ކައުންސިލްގެ ބައްދަލުވުމެއް ބާންވަން ޖެހޭ ގޮތަށް އެކުލަވާލައިފައިވާ އެ ގަވާއިދުގައިވާ ގޮތުން ކައުންސިލަށް ހުށަހެޅޭ ޝަކުވާތައް، ޝަކުވާ ހުށަހަޅާ ފަރާތާއި ޝަކުވާ ރައްދުވާ ފަރާތާ ދެމެދު މަޝްވަރާކޮށްގެން ސުލްހަވެރިކަމާ އެކު ހައްލުކުރުމަށް ކައުންސިލުން މަސައްކަތްކުރަން ޖެހެ އެވެ.
ނަމަވެސް، އެހެން މައްސަލަ ނުނިމިއްޖެ ނަމަ ކައުންސިލުން މައްސަލަ ބަލައި، މައްސަލަ ނިންމި ގޮތް ދެ ފަރާތަށް ވެސް އަންގަންވާނެ ކަމަށް ގަވައިދުގައިވެ އެވެ. އަދި ޝަކުވާއެއް ރައްދުވާ މީޑިއާ އަކުން ކައުންސިލުން ކަނޑައަޅާ ތާރީޚެއްގެ ތެރޭގައި ކައުންސިލްގެ ނިންމުން ޝާއިއުކުރަން ޖެހޭނެ އެވެ.
މިއަދު ގެޒެޓްކުރި ގަވާއިދު ބުނާ ގޮތުގައި، ކައުންސިލުން ނިންމާ ނިންމުމެއް އިސްތިއުނާފްކުރުމުގެ ފުރުސަތު އޮންނާނީ އެ މައްސަލައެއް ކައުންސިލުން ނިންމާތާ އެއް މަސް ދުވަސް ވަންދެނެވެ. އޭގެ ފަހުން މައްސަލައެއް އަލުން ބަލައިދިނުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް، ބާރަ ބާބުގެ މައްޗަށް އެކުލައިލައިފައިވާ ގަވާއިދުގައިވެ އެވެ.
މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފް މިއަދު ވިދާޅުވީ، ކައުންސިލުން ބެލޭނެ މައްސަލަތައް ގަވާއިދުގައި ބަޔާންކޮށްފައިވާނެ ކަމަށާއި އަދި ޝަކުވާ ހުށަހެޅުމުގައި އަމަލުކުރަންވީ ގޮތްތައް ވެސް ގަވާއިދުގައި ހިމެނޭނެ ކަމަށެވެ.
ނަޒީފު އިތުރަށް ވިދާޅުވީ، ގަވާއިދު ނެތިގެން މިހާތަނަށް ނުބެލި ހުރި މައްސަލަތައް ވަރަށް އަވަހަށް ކައުންސިލުން ބަލަން ފަށާނެ ކަމަށެވެ.
"އަޅުގަނޑު އުއްމީދު މިކުރަނީ ގަވާއިދު ގެޒެޓުކުރުމާ އެކީގައި ކައުންސިލް ބައްދަލުވެފައި އެ މައްސަލަތަކަށް ގޮތެއް ނިންމާލެވޭނެ ކަމަށް." ނަޒީފު ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގެ ޤާނޫނު ހިންގުމަށްޓަކައި ކައުންސިލް އުފެދޭތާ ހަ މަސް ދުވަހުގެ ތެރޭ އެކުލަވައިލައި ނިންމަން ޖެހޭ އެ ގަވާއިދު ނުނިމި ދިގުލައިދެން ދިޔައީ، ބަންޑާރަ ނައިބު އޮފީހުގެ ލަފާ ހޯދުމަށް ފޮނުވުމުން އެ މަސައްކަތް ނުނިމި ލަސްވުމުން ކަމަށް ނަޒީފު ވިދާޅުވި އެވެ.