އިނގިރޭސި ވިލާތުގެ ފުޓްބޯޅައިގެ "ގަނެވިއްކުމުގެ ބާޒާރު"ގައި މިހާތަނަށް އެންމެ އަގު ބޮޑުކޮށް ކުޅުންތެރިއަކު ގެނެސްގެން ޕްރިމިއާ ލީގުގެ ޗެލްސީ ގާއިމްކޮށްފައިވާ ރެކޯޑް މުގުރާލަން މެންޗެސްޓާ ޔުނައިޓެޑުން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޓްރާންސްފާ މާކެޓްގައި ބްރިޓިޝް ރެކޯޑް ފީއެއްގެ ގޮތުގައި މިހާތަނަށް އެންމެ ބޮޑު އަގެއް ދީގެން ގެނެސްފައިވާ ކުޅުންތެރިއަކީ ޗެލްސީގެ ސްޕެނިޝް ފޯވާޑް ފެނާންޑޯ ޓޮރޭޒެވެ. ޔޫރަޕްގެ ބޮޑެތި ހުރިހާ ކްލަބްތަކެއްގެ ލޯތަށް އެ ކުޅުންތެރިއަކަށް އޭރު އަމާޒުވެފައިވާ ލިވަޕޫލްގެ ހުނަރުވެރި ފޯވާޑް 2011 ވަނަ އަހަރު ޗެލްސީއަށް ގެނައީ 50 މިލިއަން ޕައުންޑުގެ ރެކޯޑް ފީއަކަށެވެ.

ޗެލްސީގެ އެ ރެކޯޑް މުގުރާލުމަށް މެންޗެސްޓާ ޔުނައިޓެޑުން މިހާރު ވަނީ ހުރިހާ ތައްޔާރީތަކެއް ގާތްގަނޑަކަށް ނިމިފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ރެއާލް މެޑްރިޑްގެ އާޖެންޓީނާ ވިންގާ އެންޖެލް ޑި މަރިއާ ގެންނަން ޔުނައިޓެޑުން 75 މިލިއަން ޕައުންޑުގެ ފީއެއް ދައްކަން ތައްޔާރުވަމުންދާ ވާހަކަ މިއަދު ވަނީ ކުޅިވަރުގެ ފަލަ ސުރުހީތަކަށް އަރައިފަ އެވެ.

އިނގިރޭސި ޓްރާންފާ ރެކޯޑް ޔުނައިޓެޑުން އެންމެ ފަހުން މުގުރާލާފައި ވަނީ، 2002 ވަނަ އަހަރު ރިއޯ ފާޑިނަންޑް ގަތުމަށެވެ. އެފަހަރު ޔުނައިޓެޑުން ވަނީ ލީޑްސް ޔުނައިޓެޑަށް ކުޅެމުން އައި އިނގިރޭސި ޑިފެންޑަރުގެ އަގަކަށް 29.1 މިލިއަން ޕައުންޑު ހަރަދުކޮށްފަ އެވެ.

އުމުރުން 26 އަހަރުގެ ހުނަރުވެރި ވިންގާ ޔުނައިޓެޑަށް ބަދަލުވާނެ ކަން ގާތްގަނޑަކަށް ކަށަވަރުވެފައި ވާއިރު، އޭނާ ޓީމުގެ ކުޅުންތެރިންނަށް "ގުޑްބާއި" ކިޔާފައިވާ ކަމަށް ރެއާލްގެ ކޯޗު ކާލޯ އެންޗޮލޮޓީ ބުނެފައި ވެ އެވެ.

"ޑި މަރިއާ މިއަދު [އާދީއްތަ ދުވަހު] އަހަރެމެންނާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވޭ. އޭނާ އައީ ކުޅުންތެރީންނަށާއި ޓީމުގެ އެހެން ފަރާތްތަކަށް އަލްވަދާއު ކިޔަން،" ޑި މަރިއާއާ ބެހޭ ގޮތުން ރެއާލްގެ ކޯޗު ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑުން ޑި މަރިއާ ހޯދުމަށް 75 މިލިއަން ޕައުންޑުގެ އަގެއް ދައްކަން ޖެހޭނޭ ކަމަށް މީޑިއާގައި އަޑުފެތުރިފައި ވާއިރު، އެ ކްލަބުގެ އެތެރޭގެ މަސްދަރުތަކުން ވެސް ވަނީ، 50 މިލިއަން ޕައުންޑަށް ވުރެ މަތީ އަގެއް ދައްކަން ކްލަބުން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ބަލިވެ، ދެވަނަ މެޗުން ސަންޑަލޭންޑް އަތުން އެއްވަރު ވެފައިވާއިރު، އެ ޓީމަށް މިވަގުތު ރަނގަޅު ކުޅުންތެރިއަކު ހޯދުން މުހިއްމު ކަމަށް އެޓީމުގެ ޑަޗް ކޯޗު ލުއިސް ވެންހާލް ވެސް އެއްބަސް ވެއެވެ. އަދި ޑި މަރިއާ އަކީ ވެންހާލުގެ ފޭވަރިޓަކަށް ވާއިރު، އޭނާ ވަނީ އެ ކުޅުންތެރިޔާ ގެންނަން ބޭނުންވާކަން ކަށަވަރު ވެސް ކޮށްދީފަ އެވެ.

"އަހަރެން ބޭނުން ޑި މަރިއާ. ހަމަ އެހެންމެ އަހަރެން ބޭނުން ލިއޮނަލް މެސީ ވެސް. އަހަރެން މި ޓީމަށް ގެންނަން ބޭނުން ބައިވަރު ކުޅުންތެރިން ދުނިޔޭގައި އެބަތިބި. އެކަމަކު އެ ހުރިހާ ކުޅުންތެރިންނަކަށް މެންޗެސްޓާ ޔުނައިޓެޑަކަށް ނާދެވޭނެ،" ސަމާސާ ގޮތަކަށް ވެންހާލު ބުންޏެވެ.

ޑި މަރިއާ ޔުނައިޓެޑަށް ސޮއިކޮށްފި ނަމަ އޭނާ ވެގެންދާނީ ވެންހާލް އެޓީމާ ހަވާލުވި ފަހުން އެޓީމަށް ގެންނަ ހަތަރުވަނަ ކުޅުންތެރިޔާ އަށެވެ. އެގޮތުން ޔުނައިޓެޑުން ވަނީ ވާއަތު-ބެކް ލޫކް ޝޯއާއި މިޑްފީލްޑަރު އެންޑަ ހެރޭރާއާއި ޑި މަރިއާގެ އާޖެންޓީނާ ޓީމް-މޭޓް މާކޯސް ރޯޖޯ ގަނެފަ އެވެ. މި ތިން ކުޅުންތެރިން ގެނައުމަށް އެޓީމުން ވަނީ ޖުމުލަ 72 މިލިއަން ޕައުންޑު ހަރަދުކޮށްފަ އެވެ.

ޕޯޗްގީޒްގެ ބެންފިކާއިން 2010 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުނު ޑި މަރިއާ ވަނީ އެ ޓީމާއެކު މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގާއި 2012 ވަނަ އަހަރުގެ ލަލީގާ ކާމިޔާބުކޮށްފައެވެ.

ޑި މަރިއާ އެހެން ކްލަބަކަށް ދާންއުޅޭ ވާހަކަ ފެތުރުމުން ރެއާލްގެ ކުރީގެ ޕްރެޒިޑެންޓް ރޭމަން ކަލްޑެރޯން ވިދާޅުވެފައި ވަނީ، "އެއީ ރަނގަޅު ނިންމުމެއް ނޫން" ކަމަށާއި "މިފަދަ ރަނގަޅު ކުޅުންތެރިން ތިބި ކްލަބު ތަކުން އެ ކުޅުންތެރިން ވިއްކާލަން ބޭނުން ނުވާނެ،" ކަމަށެވެ.