އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުއީން ޕާކް ރޭންޖާސް (ކިޔުޕީއާރު) އަތުން 4-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ޓޮޓެންހަމް، އެޓީމުގެ ކުރީގެ ކޯޗު ހެރީ ރެޑްނެޕަށް ވައިޓްހާޓްލޭގައި ހިތުން ނުފިލާ ވަރުގެ މަރުހަބާއެއް ކިޔަފި އެވެ.

މިހާރު ކިޔުޕީއާރުގެ ކޯޗު ރެޑްނެޕްގެ އިރުޝާދުގެ ދަށުން ކުރިން ޕްރިމިއާ ލީގުގެ ގަދަ ފަސްޓީމުގެ ތެރޭގައި ޖެހިޖެހިގެން ތިން އަހަރު ޓޮޓެންހަމް ހިފަހައްޓައިލި ނަމަވެސް އެޓީމަށް ޗެލްސީގެ ކުރީގެ ކޯޗު އަންދްރޭ ވިއަސް ބޮއަސް ގެނައުމަށްޓަކައި 2012 ވަނަ އަހަރު ރެޑްނެޕާ އެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައެވެ. ރެޑްނެޕް ވަނީ އޭގެ ފަހުން ކިޔުޕީއާރުއާ ހަވާލުވެ މިދިޔަ ސީޒަންގައި އެޓީމު ޗެމްޕިއަންޝިޕްގައި އޮއްވައި މިސީޒަންގެ ޕްރިމިއާ ލީގަށް ކޮލިފައިކޮށްދީފައެވެ.

ޓޮޓެންހަމްގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ކުޅެމުން ދިޔަ މެޗުގެ ފުރަތަމަ ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ 12 ވަނަ މިނިޓުގައެވެ. އެލަނޑު ޖަހައި ދިނީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ނޭސާ ޝެޑްލީއެވެ. ކިޔުޕީއާރުގެ ޕެނަލްޓީ އޭރިޔާތެރެއަށް އެމެނުއެލް އަޑެބަޔޯ ހުރަސްކޮށްލި ބޯޅަ ޗެޑްލީ ފޮނުވާލީ ކަނާތުފައިން ޖަހައި ގޯލްގެ ތިރީ ކަނަށެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ދެވަނަ ލަނޑު ޖަހައި ދިނީ އެޓީމުގެ އިނގިރޭސި ޑިފެންޑަރު އެރިކް ޑަޔާއެވެ. ޑަޔާ އެލަނޑު ކާމިޔާބުކުރީ އާޖެންޓީނާ ފޯވާޑް އެރިކް ލަމެލާ ކޯނަރަކުން ގޯލްކުރިމައްޗަށް ހުރަސްކޮލި ބޯޅަ ބޮލުންޖަހައި ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ޓޮޓެންހަމްގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ފުރަތަމަ ލަނޑު ކާމިޔާބުކުރި ޗެޑްލީ އެވެ. ޗަޑްލީގެ ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ ލަމެލާ ކޯނަރަކުން ގޯލް ކުރިމައްޗަށް ހުރަސްކޮލި ބޯޅަ ބޮލުންޖަހައި ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ޓޮޓެންހަމްއަށް ކްލަބް ރެކޯޑް ފީއަކަށް ގެނައި ލަމެލާގެ ފަރާތުން މޮޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެން ދިޔައިރު މިއީ އޭނާ އެޓީމަށް ކުޅުނު ދެވަނަ މެޗެވެ.

ދެވަނަ ހާފުގައި ވެސް ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ ޓޮޓެންހަމަށް އެޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ޑެނީ ރޯސް ތަނަވަސްކޮށްދިން ފުރުސަތަކުން 65 ވަނަ މިނިޓްގައި އަޑެބަޔޯއެވެ.

މި ނަތީޖާއާ އެކު މިފަހަރުގެ ލީގުގައި ރެޑްނެޕްގެ ކިޔުޕީއާރު މިހާތަނަށް ކުޅުނު ދެމެޗުން ވެސް ވަނީ ބަލިވެފައެވެ. އެގޮތުން ލީގުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ހަލްސިޓީއާ ވާދަކޮށް ބަލިވީ 1-0 ލަނޑުންނެވެ.

މެޗަށްފަހު ކިޔުޕީއާރުގެ ކޯޗް ރެޑްނެޕް ބުނީ، އޭނާގެ ޓީމުން ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންތައްތައްއެބަހުރި ކަމަށާއި ޓީމުގެ ބައެއް ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ލަސް ކުޅުމެއް ކަމަށެވެ.

"ލޮއިކް ރެމީގެ ފަރާތުން އޭނާގެ އަސްލު ކުޅުމެއް ނުފެނުނު. ޗާލީ އޮސްޓިންވެސް ހަމަ އެފަދަ. މިގޮތަށް ދެ ކުޅުންތެރިން ކުރިއަށް ލައިގެން 4-4-2 ފޯމެޓަށް ކުޅޭއިރު މެދުތެރެއިން އޮންނާނީ ކަތިލާފައި. ވަރަށް ބޮޑު އުނދަގުލަކަށް ވެގެންދާނެ،" ތަފާތު ބޮޑުކޮށް މެޗުން ބަލިވާން މެދުވެރިވި ސަބަބު، ރެޑްނެޕް ކިޔައިދިނެވެ.

ސްޕާސްގެ ކޯޗު މައުރީޝިއޯ ޕޮކެޓިނޯ ބުނީ، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފުރަތަމަ މެޗުން މިފަދަ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ. އަދި މި ކާމިޔާބަކީ ޓީމެއްގެ ގޮތުގައި އިރުޝާދާ އެއްގޮތަށް ކުޅުމުން ލިބުނު ކާމިޔާބެއް ކަމަށް ޕޮކެޓިނޯ ބުންޏެވެ.

ކިޔުޕީއާރުގެ މައްޗަށް ހޯދި ބޮޑު ކާމިޔާބާއެކު ލީގު ތާވަލުގެ އެއްވަނައިގައި 6 ޕޮއިންޓާއެކު މިވަގުތު އޮތީ ޓޮޓެންހަމް އެވެ. ހަޕޮއިންޓާއެކު ލަނޑުގެ ތަފާތުން ދެވަނައިގައި ޗެލްސީ އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން ތިން ވަނައިގައި އޮތީ ސުވަންސީ ސިޓީ އެވެ.