25 Aug 2014, 17:09
ރައްޔިތުން މަޖިލީހަށް ހުށަހެޅޭ ބިލްތަކުގެ ފުރަތަމަ ކިއުން އިއްވުމަށްފަހު ބަހުސަށް ހުޅުވާލުމުގެ ކުރިން އެ ބިލް ބަލައިގަތުމަށް ފެނޭތޯ ބެލުމަށް ވޯޓެއް ނަގަން ޖެހޭނެ ކަމަށް ކަނޑައަޅަން މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާންމު ކޮމެޓީއަށް ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.
އާންމު ކޮމެޓީން ރިޕޯޓް ހުށަހެޅުއްވި ގޮތަށް ފާސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ 67 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓް ދެއްވާފައިވާއިރު ހަތަރު މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މަޖިލީހުގެ ގަވައިދުގެ 77 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އެ އިސްލާހް އާންމު ކޮމެޓީގެ ބައްދަލުވުމުގައި ބޭރުކޮށްފައިވަނީ ޖޭޕީ އާއި އެމްޑީއޭއާއި ސަރުކާރާ އިދިކޮޅު އެމްޑީޕީގެ މެމްބަރު ވޯޓު ދެއްވައިގެންނެވެ. އެ އިސްލާހަށް ކޮމެޓީގައި ތާއިދު ކޮށްފައިވަނީ ހަމަ އެކަނި ޕީޕީއެމް މެމްބަރުންނެވެ.
ކޮމެޓީ މަރުހަލާގައި ޕީޕީއެމާއި ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ނައިބު ލީޑަރު، އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު އެ އިސްލާހާ ދެ ކޮޅަށް ވޯޓު ދެއްވާފައިވާއިރު އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މާފަންނު ހުޅަނގުދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން އާއި ފެލިދޫ ދާއިރާގެ މެމްބަރު އަހްމަދު މަރުޒޫގުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޕާލަމަންޓްރީ ގުރޫޕްގެ، ކެޔޮދޫ ދާއިރާގެ މެމްބަރު، މުސާ ނިޒާރާއި ބިލެތްދޫ ދާއިރާގެ މެމްބަރު، އަހްމަދު މުބީން ވެސް ވަނީ އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.
އާންމު ކޮމެޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ ގޮތަށް އެ އިސްލާހު ގެނައުމަށް ވޯޓު ދެއްވީ ޕީޕީއެމްގެ ފަސް މެމްބަރުންނެވެ.
މަޖިލީހުގެ ގަވާއިދަށް ގެންނަން ފާސްކޮށްފައިވާ އެހެން އިސްލާހު ތަކުގެ ތެރޭގައި މަޖިލީހުގެ ނިޒާމް ގެއްލިގެން ހުއްޓައިލާ ޖަލްސާތަކުގެ ބަދަލުގައި އެހެން ޖަލްސާއެއް ބާއްވަން ވާނެ ކަމަށް ހުށަހަޅާފައިވާ އިސްލާހު ހިމެނެ އެވެ. އަދި މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ ތެރެއިން ސަބް ކޮމެޓީގެ ހަތަރު ކޮމެޓީއަށް ވުރެ ގިނަ ކޮމެޓީތަކުގައި އެއް މެމްބަރަކަށް ބައިވެރި ނުވެވޭނެ ގޮތައް މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައުމަށް ވެސް ވަނީ ފާސްކޮށްފައެވެ.