ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިޚާބު ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު އީސާފުޅު ކާމިޔާބު ކުރައްވައިފި އެވެ.

މިއަދު ބޭއްވި އިންތިޚާބު އީސަ ކާމިޔާބު ކުރައްވާފައި ވަނީ ތިން ފަނޑިޔާރަކާ ވާދަކުރައްވައި 84 ވޯޓު ލިބިވަޑައިގެންނެވެ. އޭނައާ އެންމެ ގާތުން ވާދަކުރެއްވީ ވެސް ޑްރަގް ކޯޓުގެ ފަނޑިޔާރެކެވެ. އެއީ ފަނޑިޔާރު ޒުބައިރު މުހައްމަދެވެ. އެ އިންތިޚާބުގައި ޒުބައިރަށް 63 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ.

އިންތިޚާބުގައި ވާދަކުރެއްވި ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރަށް 12 ވޯޓު ލިބިވަޑައިގަތް އިރު ފ. މަގޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްސައްތާރު ސުލައިމާނަށް ލިބިވަޑައިގަތީ ހަތް ވޯޓެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް މިއަދު މެމްބަރަކު އިންތިޚާބުކޮށްފައިވާ އިރު، ގާނޫނީ ވަކީލުންގެ ތެރެއިން އެ ކޮމިޝަނަށް ބޭފުޅަކު އައްޔަން ކުރުމުގެ އިންތިޚާބު ދެ ފަހަރެއްގެ މަތިން ބާއްވަން އުޅެ ވަނީ ނުބޭއްވިފަ އެވެ. އެންމެ ފަހުން ބާއްވަން އުޅުނު އިންތިޚާބު ބާތިލްކޮށްފައި ވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.