މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް ރޭ ސޯޝަލް އެޑިޔުކޭޝަން ސެންޓަރުގެ ސެމިނާ ރޫމްގައި ބޭއްވި ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ނިންމާލިތާ އިރުކޮޅެއްގެ ތެރޭގައި ވީ ނިއުސްގެ އެޑިޓަރު އާދަމް ހަލީމް (މުންޑޫ) އަށް މަރުގެ އިންޒާރުދީ މެސެޖެއް ފޮނުވައިފި އެވެ.

އާދަމް ހަލީމް މިއަދު ސަން އަށް ވިދާޅުވީ އޭނާ އަށް މަރުގެ އިންޒާރުދީ ޕްރައިވެޓް ނަމްބަރަކުން ފޮނުވި މެސެޖު ލިބިފައި ވަނީ ވީ މީޑިއާގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ނަންފުޅުގައި އޭނާގެ ފޯނަށް ހަމަ އެ ބައްދަލުވުމުން ނިކުތްތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށެވެ. ރޭގެ ކުރިން އެފަދަ އެއްވެސް މެސެޖެއް އޭނާ އަށް ލިބިފައިނުވާ ކަމަށް ވެސް އާދަމް ހަލީމް ވިދާޅުވި އެވެ.

އާދަމް ހަލީމްގެ ފޯނަށް ޕްރައިވެޓް ނަމްބަރަކުން ފޮނުވި މެސެޖްގައި "ކަރުކަނޑާލައި ގެއްލުވާލާނެ" ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާސިމް އިބްރާހިމްގެ ނަންފުޅުގައި ފޮނުވާފައިވާ މެސެޖްގައި "މާގާމުން އިސްތިއުފާދީފައި ރައްކާވުމަށް" ބުނެ ވަރަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަރުގެ އިންޒާރުދީ އެގޮތަށް އެ މެސެޖްތައް އޭނާ އަށް ލިބުމުން ވަރަށް ހައިރާންވި ކަމަށް ހަލީމު ވިދާޅުވި އެވެ. އަދި ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އެކި ފަރާތްތަކުގެ ފޯނަށް ފޮނުވަމުން ދިޔަ މެސެޖުތަކަކީ ކޮން ގޮތަކަށް ފޮނުވަމުންދާ އެއްޗެއްކަން މިހާރު އަންދާޒާ ކުރެވޭ ކަމަށް ވެސް އާދަމް ހަލީމް ވިދާޅުވި އެވެ.

"ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތޭރޭގައި އެކި ފަރާތްތަކަށް ފޮނުވަމުން ގެންދިޔަ މެސެޖުތަކަކީ ކިހިނެތް ކޮންތާކުން އަންނަމުން ދިޔަ އެއްޗެއްކަން މިހާރު އަންދާޒާ ކުރެވޭ،" އާދަމް ހަލީމް ވިދާޅުވި އެވެ.

ރޭގެ އެ ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ހުއްޓާލީ އެ ޖަމިއްޔާ އިން އިންތިހާބު ބާއްވަން އުޅުނު ގޮތާ މެދު މެމްބަރުން ހިތްހަމަނުޖެހިގެން އަޑުގަދަ ކުރަން ފެށުމުންނެވެ. އެގޮތުން ބައްދަލުވުން ކުރިއަށް ދިޔަ އިރު މެމްބަރުންގެ މެދުގައި ހިޔާލު ތާފާތުވުންތަކެއް އުފެދިގެން ދިޔަ ވަގުތު، "ވަގުތު" އޮންލައިން އިން އެ ބައްދަލުވުމުގައި މާރާމާރީ ހިންގާ ކަމަށް ބުނެ ރިޕޯޓް ކުރި އެވެ. އަދި އެކަމާ ހިތްހަމަނުޖެހިގެން ވީ ނިއުސްގެ އެޑިޓަރު އާދަމް ހަލީމް ވަގުތުގެ އެޑިޓަރު މުޝައްރަފް ހަސަންގެ އަރިހުން ދޮގު ވާހަކަ ނުފެތުރުމަށް ދެންނެވި ކަމަށް ހަލީމު ސަން އަށް ވިދާޅުވި އެވެ. އޭގެ ފަހުން އެ ނޫހުން ވަނީ އާދަމް ހަލީމް ވަގުތުގެ އެޑިޓަރަށް ހަމަލާދޭން އުޅޭ ކަމަށް ވެސް ރިޕޯޓްކޮށްފަ އެވެ.