މި އަހަރުގެ ހޫނު މޫސުމުގައި ފެނަށް ޖެހުނު ރަށްރަށަށް ފެންފޯރުކޮށް ދިނުމަށް މި އަހަރުގެ މިހާތަނަށް 3.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންވައިރޮމެންޓް މިނިސްޓްރީ އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ ފެނަށް ޖެހުނު ރަށްރަށަށް ފެންފޯރުކޮށް ދިނުމަށް މިދިޔަ އަހަރު 3.89 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު މި އަހަރުގެ މިހާތަނަށް އެކަން ކުރުމަށް 3.9 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ.

"މިކަމުގައި ސަރުކާރުގެ ކަންބޮޑުވުން ބޮޑަށް ގުޅިފައި ވަނީ މިކަމަށް ކުރަން ޖެހޭ ހޭދަ އަށް ވުރެ ބޮޑަށް މިމައްސަލައިގެ ސަބަބުން ރައްޔިތުން އުފުލަން ޖެހޭ އުނދަގޫތަކާއި ތަހައްމަލް ކުރަން ޖެހޭ ތަކްލީފްތަކުގެ ސަބަބަބުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ތޯރިގް ވިދާލުވީ 2013 ވަނަ އަހަރު 82 ރަށަކަށް ފެން ފޯރުކޮށްދީފައިވާ އިރު މި އަހަރުގެ މިހާތަނަށް 75 ރަށެއް ފެނަށް ޖެހުމުގެ ސަބަބުން ފެންފޯރުކޮށްދީފައިވާނެ ކަމަށެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ ފެނަށް ޖެހުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި ދިނުމަކީ މިސަރުކާރުގެ އެއް ސިޔާސަތު ކަމަށްވާ އިރު އެކަން ތަންފީޒުކުރުމަށް ހާއްސަ މަޝްރޫއެއް މިހާރު ފަށާފައިވާ ކަމަށެވެ.