25 Aug 2014, 14:24
ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތަކާއި ފަޅުރަށްތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި ބިލު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އެ ބިލް މަޖިލީހުން ބޭރުކޮށްލީ ސަރުކާރު ހިންގާ ޕީޕީއެމާއި އިދިކޮޅު މެމްބަރުންގެ ގިނަ ވޯޓާއެކު 68 މެމްބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެ ބިލް ބަލައިގަތުމަށް ފެންނަ ކަމަށް ހަ މެމްބަރަކު ވޯޓު ދެއްވިއިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވައި ތިން މެމްބަރަކު ތިއްބެވި އެވެ.
"އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު"އަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރުކަން ވެސް ކުރައްވާ ރިޔާޒު ރަޝީދެވެ. އެ އިސްލާހުތަކުގައިވާ ގޮތުން ކައުންސިލްތަކަށް ބިމާ ބެހޭ "މުއާމަލާތެއް" ނުކުރެވޭނެ އެވެ. އެގޮތުން މިހާރު ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ހުރިހާ ބިމެއް ސަރުކާރުގެ ބިމާ ބެހޭ ވުޒާރާ ނުވަތަ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ބިލުގައި ހުށަހަޅާފައިވެ އެވެ. އަދި އެއްވެސް ކައުންސިލަކަށް އެއްވެސް ބިމެއް ކުއްޔަށް ދީ ނުވަތަ ވިއްކައި ހެދުމުގެ އެއްވެސް ބާރެއް ކައުންސިލްތަކަށް ނޮއޮންނާނެ ކަމަށް ވެސް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ.
ބިލުގައި ބުނެފައިވާ ގޮތުން ބިމާ ބެހޭ ވުޒާރާގެ ފަރާތުން ކައުންސިލްތަކާއި ހަވާލުކުރާ ބިންތަކުގެ ނުވަތަ އެ ކައުންސިލް ތަކުގެ ދާއިރާގެ ތެރޭގައި ހިމެނޭ ބިންތަކުގެ ކުލި ފިޔަވައި އެހެން އެއްވެސް ބިމެއްގެ ކުލި ނުވަތަ ފަޅެއްގެ ކުލި ކައުންސިލަށް ނެގުމުގެ ބާރެއް އެއްވެސް ކައުންސިލަކަށް ނޮއޮންނާނެ އެވެ.
އެގޮތުން ރަށެއްގައިވާ ބިމެއްގައި އެއްވެސް ފަރާތަކުން އިންވެސްޓެއް ކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަން ޖެހޭނީ ބިމާއި ބެހޭ ވުޒާރާ މެދުވެރިކޮށް ކަމަށް އިސްލާހުގައި ބުނެ އެވެ. ކައުންސިލްތަކަށް ހަމައެކަނި ލިބިފައިވާ ބާރަކީ އެކަމާއި ގުޅޭގޮތުން ބިމާއި ބެހޭ ވުޒާރާއަށް މަޝްވަރާ އާއި ލަފާ ދިނުމެވެ.
ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހުގެ ދަށުން އެ ބިލް ގާނޫނަކަށްވެ ރައީސުލްޖުމްހޫރީއްޔާ އެ ބިލް ތަސްދީގު ކުރައްވައި ސަރުކޫގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ހުރިހައި ބިމެއް ސަރުކާރަށް ބަދަލު ކުރެވިގެންދާނެ ކަމަށް ވެސް ބިލުގައިވެ އެވެ.
ބިލްގެ ބަހުސް މަރުހަލާގައި ސަރުކާރަށް ނިސްބަތްވާ ބައެއްމެންބަރުންވަނީ ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހަށް ދެކޮޅު ހައްދަވަފަ އެވެ. އެގޮތުން ސަރުކާރު ހިންގާ ޕީޕީއެމް އަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވީ އެ ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ނޫން ކަމަށާއި އެއީ ރިޔާޒް ރަޝީދު އަމިއްލަފުޅު ހައިސީއްޔަތުން ހުށަހެޅުއްވި ބިލެއް ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ އެ ގާނޫނަށް އިސްލާޙު ހުށަހެޅުއްުމުގެ ބޭނަމަކީ އެ ގާނޫނުގެ ބާރު ކަނޑުވާލުން ކަމަށެވެ.