17 Jan 2011, 12:17
މާލޭ ސިޓީ ކައުންސިލަށް ޑީއާރުޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ޑީއާރުޕީން ހާއްސަ ޖަލްސާއެއް އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.
ޑީއާރުޕީ އޮފީހުގައި ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ޑީއާރުޕީގެ ކެންޑިޑޭޓުން ތައާރަފް ކުރުމަށް، މާލޭ ސިޓީ އަށް ޑީއާރުޕީން ކުރިމަތިލެއްވި ކެންޑިޑޭޓުން ބާއްވާ ހާއްސަ ޖަލްސާ އަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ޕާޓީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް ދައުވަތު ދެއްވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ނަމަވެސް އެ ބޭފުޅުން ބައިވެރިވާނެ ކަމުގެ ޔަގީންކަމެއް ރޮޒައިނާ ނުދެއްވަ އެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑީއާރުޕީގެ ރަޖިސްޓްރާ އަދި އެ ޕާޓީގެ ޓިކެޓްގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ސަލީމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގައި ޓީއާރުޕީން ހައިރާން ކުރުވަނިވި ނަތީއްޖާއެއް ހޯދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހާގީގަތެއް ނެތި އެމްޑީޕީން ދައްކަމުން ގެންދާ ވާހަކަތަކުގެ ރައްދު ޑީއާރުޕީގެ ޖަލްސާގައި ދޭނެ ކަމަށެވެ.
އިދިކޮޅި އެންމެ ބޮޑު ޕާޓީގެ ފަރާތުން ކެންޑިޑޭޓުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަނީ ތަސައްވަރަކާއި ލަނޑުދަނޑިތަކެއް އޮވެގެން ކަމަށާއި ސިޓީ ކައުންސިލްގެ މެޖޯރިޓީ ޑީއާރުޕީ ބޭނުންވަނީ އެ ސަބަބަށްޓަކައި ކަމަށް ސަލީމް ވިދާޅުވި އެވެ.
އަންނަ މަހުގެ ފަހެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް 19 ދުވަހަށް ވެފައިވާ އިރު އެ އިންތިހާބުގައި ޑީއާރުޕީން ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.