ރާއްޖޭގައި ސިއްޙީ ހިދުމަތް ދިނުމަށް ތަނެއް ރަޖިސްޓްރީ ކުރި ނަމަވެސް ލައިސަންސްއަކާ ނުލައި ހިދުމަތް ނުދެވޭ ގޮތަށް ކަނޑައެޅުމަށް "ޞިއްހީ ޚިދުމަތް ދިނުމުގެ ބިލް" ނަމުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލް މިއަދު ބަލައިގެންފި އެވެ.

އެ ބިލް މަޖިލީހުން ބަލައިގަތުމަށް ފާސްވީ ވޯޓްގައި ބައިވެރިވި 77 މެންބަރުންގެ އިއްތިފާގުންނެވެ. ބިލް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް ޓަކައި ވަނީ އިޖުތިމާއީ ކޮމެޓީ އަށް ފޮނުވާފަ އެވެ.

ސަރުކާރު ފަރާތުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެން މުހައްމަދު ލަތީފް ހުށަހަޅުއްވި ބިލްގައި ބުނެފައިވާ ގޮތުން ދިވެހި ރާއްޖޭގައި އެއްވެސް ބާވަތެއްގެ ސިއްޙީ ހިދުމަތެއް ދެވޭނީ އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހިދުމަތްދޭތަން ރަޖިސްޓްރީ ކުރުމަށް ފަހުގަ އެވެ. އަދި ތަނެއް ސިއްޙީ ހިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްދިން ނަމަވެސް އެ ތަނަކުން ސިއްޙީ ހިދުމަތް ފޯރުކޮށްދެވޭނީ "ސިއްޙީ ހިދުމަތް ދިނުމުގެ ލައިސަންސް" ހޯދުމަށް ފަހު އެވެ. އަދި އެ ހުއްދައާއި ލައިސަންސް ދޫކުރާނީ އެކަމަށް ޓަކައި މިނިސްޓްރީގައި ގާއިމުކޮށްފައިވާ ފަސް މެންބަރުންގެ ޔުނިޓަކުން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. ހަމަ އެހެންމެ އެ ޔުނިޓުގައި ހިމެނޭ އެއްވެސް ބޭފުޅަކީ ސިއްޙީ ހިދުމަތް ދިނުމަށް އެދި ރަޖިސްޓްރީ ކުރާ ތަނެއްގެ ހިއްސާދާރަކަށް ނުވަތަ އެފަދަ ތަނެއްގައި މަސައްކަތްކުރާ ބޭފުޅަކަށް ވެގެންނުވާނެ އެވެ.

ބިލުގައި ބުނެފައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ނުވަތަ އެ ގާނުނު ވުޖޫދަށް އައުމުގެ ކުރިން ރާއްޖޭގައި ސިއްޙީ ހިދުމަތްދޭ ތަންތަނުން އެ ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން އެ ތަނެއް އަލުން ސިއްޙީ ހިދުމަތް ދިނުމަށް ޓަކައި ރަޖިސްޓްރީކޮށް ލައިސަންސް ނަގަން ޖެހޭނެ އެވެ.

ޞިއްހީ ޚިދުމަތު ދިނުމުގެ ބިލްގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ސިއްޙީ ހިދުމަތް ދިނުމަށް ތަނެއް ރަޖިސްޓްރީ ކުރުމަށް ފަހު އެތަނަކަށް ސިއްޙީ ހިދުމަތް ދިނުމުގެ ލައިސަންސް ދެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ފަސް އަހަރު ހަމަވުމުގެ ހަ މަސް ދުވަސް ކުރިން އެ ލައިސަންސްއެއް އާ ކުރަން ހުށަހަޅަން ޖެހޭނެ އެވެ. އަދި ސިއްޙީ ހިދުމަތް ދިނުމަށް ރަޖިސްޓްރީކޮށް ލައިސަންސް ނަގާފައިވާ ކޮންމެ ތަނަކުން ވެސް އަހަރީ ފީއެއް ދައްކަން ޖެހޭނެ އެވެ. އަދި ކަނޑައެޅިފައިވާ ތާރީޙުގައި އަހަރީ ފީ ނުދައްކައިފި ނަމަ ދެން އަހަރީ ފީ ބަލައިގަންނާނީ ޖޫރިމަނާއަކާއި އެކުގައި ކަަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ބިލްގައި ބުނެފައިވާ ގޮތުން ސިއްޙީ ހިދުމަތްދޭ ތަނެއްގެ ރަޖިސްޓްރީ ނުވަތަ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާފައި ވަނިކޮށް ނުވަތަ ބާތިލުކޮށްފައި ވަނިކޮށް ހިދުމަތް ދިނުމަކީ ކުށެކެވެ. އަދި އެ ކުށެގެ ޒިންމާ ނަގަން ޖެހޭނީ އެ ތަނެއް ހިންގާ ފަރާތުންނެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ ނުވަތަ ފަރާތެއްގެ އަދަބަކީ 500،000 ރުފިޔާ އާއި 1،000،000 އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ނުވަތަ ތިން މަހާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށް ލުމެވެ.

ސިއްޙީ ހިދުމަތް ދިނުމަށްޓަކައި ރަޖިސްޓްރީކޮށް ލައިސަންސް ދޫކޮށްފައިވާ ތަންތަނުގައި މަސައްކަތް ކުރަން ޖެހޭނީ ކަމުގެ ހުނަރު ލިބިފައިވާ އަދި ރަޖިސްޓްރީކޮށް ލައިސަންސް ދޫކޮށްފައިވާ މީހުންނެވެ. އެގޮތުން ސިއްޙީ ހިދުމަތްދޭ އެއްވެސް ތަނެއްގައި ލައިސންސްއެއް ނެތި އަދި ކަމާ ބެހޭ ބޯޑުގައި ރަޖިސްޓްރީ ނުކޮށް މަސައްކަތް ކުރުވުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކުރި ފަރާތެއްގެ އަދަބަކީ 500،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ޞިއްހީ ޚިދުމަތް ދިނުމުގެ ބިލްގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ސިއްޙީ ހިދުމަތް ދިނުމަށް ރަޖިސްޓްރީކޮށް ލައިސަންސް ދޫކޮށްފައި ތަންތަން ބަލައި ޗެކް ކުރުމަށްޓަކައި "ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް"ގެ ނަމުގައި މީހަކު ހުންނަން ޖެހޭނެ އެވެ. އަދި އެ މީހަކު ކަނޑައަޅާނީ ސިވިލްސާވިސް ކޮމިޝަންގެ ފަރާތުންނެވެ. އެގޮތުން އެ މީހަކަށް ސިއްޙީ ހިދުމަތްދޭ ކޮންމެ ތަނެއް ބޭނުންވާ ކޮންމެ ވަގުތަކު ބަލައި ޗެކް ކުރުމުގެ އިއްތިޔާރު ބާރު ލިބިގެންވެ އެވެ. އަދި ތަނަކީ ސިއްޙީ ހިދުމަތް ދިނުމަށް އެކަށީގެންނުވާ ތަނެއް ކަމަށް ކޮމިޝަނަރަށް ގަބޫލުކުރެވިއްޖެ ނަމަ އެތަނެއް ވަގުތުން ބަންދު ކުރުމުގެ ބާރު ކޮމިޝަނަރަށް ލިބިގެންވެ އެވެ.

ބިލްގައި ބުނެފައިވާ ގޮތުން "ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް" ސިއްޙީ ހިދުމަތްދޭ ތަނެއް ބަލައި ޗެކް ކުރުމަށް އެއްވެސް ފަރާތަކުން ހުރަސްއެޅުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 1000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދކުން ޖޫރިމަނާ ކުރުމެވެ.

އެ ބިލްގައި ބުނެފައިވާ ގޮތުން އެފަދަ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަގުސަދަކީ ދިވެހި ރާއްޖޭގައި ދޭ ސިއްޙީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ސިއްޙީ ހިދުމަތުގެ ފެންވަރު ވަކި މިންގަޑެއްގައި ހިފެހެއްޓުން ކަމަށް ބިލްގައި ބުނެފައިވެ އެވެ. މީގެ އިތުރުން ސިއްޙީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމެއް ކަނޑައަޅައި ސިއްޙީ ހިދުމަތް ފޯރުކޮށްދޭ ތަންތަން ހުންނަން ޖެހޭނެ މިންގަނޑުތަކާއި އެތަނުގައި މަސައްކަތްކުރާ މީހުންގެ ކިބާގައި ހުންނަން ޖެހޭނެ ފެންވަރު ކަނޑައެޅުމަކީ ވެސް އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅި މަގުސަދެއް ކަމަށް ބިލްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ބިލްގައި ސިއްޙީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މީހެއްގެ އިހުމާލުން ނުވަތަ ތަނުގެ އިހުމާލުން ވެސް ބަލި މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އަމަލުކުރާނެ ގޮތާއި ދެވޭނެ އަދަބުތަކާއި އަދި ޒިންމާ ނަގަން ޖެހޭނެ ފަރާތްތައް ވެސް ބިލްގައި ބަޔާންކޮށްފައިވެ އެވެ.