25 Aug 2014, 13:40
ޓެރަރިސްޓުންނާއި އެހެނިހެން ކުއްވެރި ޖަމާއަތްތަކުން ސަރަހައްދީ ރޮނގު ހުރަސްކޮށް ހިންގާ ފައިސާގެ މުއާމަލާތްތައް ތަހުގީގުކޮށް، އެކަމަށް ހުރަސް އެޅުމަށް ރާއްޖެ ހިމެނޭ ގޮތުން މިސަރަހައްދުގެ ގައުމުތަކުގެ ކަސްޓަމްސް އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އެމެރިކާ އިން މިއަދު ފަށައިފި އެވެ.
"ރީޖަނަލް ކްރޮސް ބޯޑާ ފައިނޭންޝަލް އިންވެސްޓިގޭޝަން ލޯ އެންފޯސްމެންޓް ޓްރޭނިން"ގެ ނަމުގައި ބަނޑޮސް އައިލެންޑްގައި މިއަދު ފެށި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީއާއި ރާއްޖޭގެ ކަސްޓަމްސް ގުޅިގެންނެވެ.
ތަމްރީނު ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގައި ހުންނަ (ރާއްޖެއާއި ސްރީލަންކާއަށް އެކްރެޑިޓްކޮށްފައިވާ) އެމެރިކާގެ އެމްބަސީގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް އެޓާޗޭ ސަތިޝް މަތާއީ ވިދާޅުވީ ތަމްރީނުގެ ބޭނުމަކީ ގައުމުތަކަށް ނުރައްކަލަކަށް ވެފައިވާ ޓެރަރިސްޓުންނާއި ކުށްވެރި އެހެން ޖަމާއަތްތަކާ ހަނގުރާމަ ކުރުމުގައި ބައިނަލް އަގުވާމީ ބައިވެރިވުން ބިނާކުރުން ކަމަށެވެ.
"... ކްރޮސްބޯޑާ ފައިނޭންޝަލް އިންވެސްޓިގޭޝަން ޓްރޭނިންގެ މަގުސަދަކީ އަޅުގަނޑުމެންގެ ގައުމުތަކަށް ނުރައްކަލަކަށް ވެފައިވާ ޓެރަރިސްޓުންނާއި ކުށް ކުރާ އެހެން ޖަމާއަތްތަކާ ހަނގުރާމަކުރުމުގައި ބައިނަލް އަގުވާމީ ބައިވެރިވުން ބިނާކުރުން،" މަތާއީ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ކުށްކުރާ ޖަމާއަތްތަކާއި ޓެރަރިޒަމްގެ ނުރައްކާތެރިކަން ދަނީ އަންދާޒާ ނުކުރެވޭހާ އަވަހަށް ބޮޑުވަމުން ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ކޮމިޝަނަރް ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު މުހައްމަދު ވިދާޅުވީ ތަމްރީނުތަކުގެ ބޭނުމަކީ ސަރަހައްދީ ރޮނގު ހުރަސްކޮށް ހިންގާ ފައިސާގެ މުއާމަލާތްތަކުގެ ތަހުގީގު ކުރުމުގައި އަމަލުކުރަން ޖެހޭ އެންމެ ރަނގަޅު ގޮތްތަކާ ބެހޭ މައުލޫމާތު ކަސްޓަމްސް އޮފިސަރުންނަށް ދިނުން ކަމަށެވެ. ނަމަވެސް ސަރަހައްދީ ގައުމުތަކާއި ބައިނަލް އަގުވާމީ ބައިވެރިންގެ މެދުގައި ހިންގާ ތަހުގީގުތަކުގެ މައުލޫމާތު ހިއްސާކުރާނެ ރަނގަޅު ނިޒާމެއް ގާއިމް ކުރުމަކީ ވެސް ޕްރޮގްރާމުން ހާސިލުވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގެ އެހެން ގައުމުތަކުގެ ކަސްޓަމްސް އޮފިސަރުން ބައިވެރިވެ އެވެ.