ފިނޭންސް މިނިސްޓްރީގެ ދަށުން ވަކި އިދާރާގެ ގޮތުގައި ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގް އާއި ސެންޓްރަލް ޕްރޮކިއުމަންޓް އޮފީސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔީމް އުވާލައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ދެ އޮފީސް ރައީސް ޔާމީން އުވާލެއްވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ކަމަށެވެ.

މި ދެ އިދާރާ އުވާލެއްވީ އެތަންތަނުން ކުރަމުން ގެންދެވި މަސައްކަތްތައް، ފިނޭންސް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިނގާ އެހެން އިދާރާތަކުން ކުރެއްވުމުން، އެމަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރެއްވޭނެ ކަމަށް ފެނިވަޑައިގަންނަވާތީއާއި، ސަރުކާރުގެ ޚަރަދުތަކަށް ލުޔެއް ލިބޭނެކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް ޔާމީނާ ހަވާލާދެއްވައި ރައީސް އޮފީހުން ބުންޏެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މިހާތަނަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގްއިން ކުރައްވަމުން ގެންދެވި ގައުމީ ތަރައްގީއާ ގުޅޭ މަސައްކަތްތައް ފިނޭންސް މިނިސްޓްރީގެ ދަށުން ކުރައްވަމުން ގެންދަވާގޮތަށް ރައީސް ވަނީ ހަމަޖައްސަވާފަ އެވެ. އަދި ރާއްޖޭގެ އާބާދީއާ ބެހޭގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގްއިން ކުރައްވަމުން ގެންދެވި މަސައްކަތްތައް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރައްވަމުން ގެންދަވާގޮތަށް ވެސް ރައީސް ވަނީ ހަމަޖައްސަވާފަ އެވެ.

ރައީސް އޮފީހުން ބުނީ ސެންޓްރަލް ޕްރޮކިއުމަންޓް އޮފީހުން މިހާތަނަށް ކުރައްވަމުން ގެންދެވި މަސައްކަތްތައް، މީގެފަހުން ކުރާނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ.