ކުލަބް ޖަމިއްޔާތަކަށް ދޫކުރުމަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ 15 މިލިއަން ރުފިޔާ ޖަމިއްޔާތަކަށް ބެހުމަށް ހޯމް މިނިސްޓްރީން ކަނޑައެޅި އުސޫލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓިން ބަދަލު ގެނެސްފި އެވެ.

ޖަމިއްޔާތަކަށް ފައިސާ ބަހާނެ އުސޫލަށް ގެނެސްފައިވާ ބަދަލުތަކުގައި ބުނެފައި ވަނީ ވިޔަފާރި މަގުސަދު ހާސިލް ކުރުމަށާއި އެފަދަ ހަރަކާތްތައް ހިންގަން ލޮބީ ކުރުމަށް އުފައްދާފައިވާ ކުލަބަކަށް ނުވަތަ ޖަމިއްޔާއަކަށް ފައިސާ ދޫ ނުކުރެވޭނެ ކަމަށެވެ.

ކުލަބް ޖަމިއްޔާގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށާއި ކުލަބު ޖަމިއްޔާގެ މެމްބަރުން ނުވަތަ މުވައްޒަފުންގެ ކެޕޭސިޓީ އިތުރު ކުރުމަށް އެންމެ ގިނަ ވެގެން ދެވޭނީ 30،000 ރުފިޔާ ކަމަށް ބުނެފައިވާ އޮންނަ މާއްދާ މާލިއްޔަތު ކޮމެޓިން ވަނީ އުވާލާފަ އެވެ. ނަމަވެސް ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ ގޮތަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ދެ ލައްކަ ރުފިޔާ ދިނުމަށް ކޮމެޓީން ވަނީ ތާއިދުކޮށް، އެގޮތައް ފާސްކޮށްފަ އެވެ.

ޖަމިއްޔާތަކަށް އެހީ ލިބޭނެ މިންގަނޑު ކަނޑައެޅުމަށް މާކްސް ދިނުމަށް ހޯމް މިނިސްޓްރީން ހުށަހަޅާފައިވާ އުސޫލުތަކަށް ވެސް ބަދަލު ގެނައުމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

އެގޮތުން އެހީއަށް އެދި ހުށަހަޅާ ޕްރޮޕޯސަލްގައި މައުލޫމާތު ފުރިހަމަވާ މިންވަރަށް 15 މާކްސް ދިނުމަށް ހޯމް މިނިސްޓްރީން ހުށަހަޅާފައިވީ ނަމަވެސް ކޮމެޓީން ފާސްކޮށްފައި ވަނީ މާކްސް ދިނުމުގައި އެ ބައި އުނިކުމަށާއި ޝަރުތު ހަމަނުވާނަމަ ފޯމް ބަލައި ނުގަތުމަށެވެ.

ކުލަބު ޖަމިއްޔާގެ މަގުސަދު ހާސިލް ކޮށްފައިވާ މިންވަރަށް 15 މާކްސް ދިނުމަށް ހޯމް މިނިސްޓްރީން ހުށަހަޅާފައިވީ ނަމަވެސް ކޮމެޓީން ނިންމާފައި ވަނީ 20 މާކްސް ދިނުމަށެވެ. ރަށަށް ނުވަތަ އަތޮޅަށް ނުވަތަ ސިޓީގެ ތަރައްގީއަށް މަސައްކަތް ކޮށްފައިވާ މިންވަރަށް ފަސް މާކްސް ދިނުމަށް ހުށަހަޅާފައިވާތީ އެ ބަޔަށް 20 މާކްސް ދިނުމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އަދި އަހަރީ ރިޕޯޓް ހުށައެޅުމަށާއި ހިންގާ ކޮމެޓީ ގަވައިދުން ރަޖިސްޓްރީ ކޮށްފައި ވުމަށް މާކްސް ދިނުމަށް ހުށަހަޅަފައި ވާތީ އެބައި އުނި ކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

ކުލަބް ޖަމިއްޔާތަކަށް ފައިސާ ދޫކުރެވޭނީ ދައުލަތުގެ އަހަރީ ބަޖެޓްގައި ޖަމިއްޔާތަކަށް އެހީ ދިނުމަށް ފައިސާ ހިމަނާފައިވާ މިންވަރަށް ބަލައި، އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު އެންމެ މަތީ މާކްސް ލިބޭ ޖަމިއްޔާއަކަށެވެ.