25 Aug 2014, 13:14
ތެހެރާން (އޮގަސްޓް 25) : އީރާނުގެ ނިއުކްލިޔާ އެންމެ ބޮޑު އެއް މަރުކަޒު ކަމަށްވާ ނަތަންޒް މަރުކަޒުގެ ކައިރިން އުދުހުނު އިސްރާއީލުގެ ޖާސޫސީ ޑްރޯން މަތިންދާބޯޓެއް ވައްޓާލައިފި ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުގެ ސިފައިންގެ ތެރޭގައި ހިމެނޭ އެންމެ ބާރުގަދަ ޢަސްކަރީ ލަޝްކަރު ކަމަށްވާ އިންގިލާބީ ގާޑުންގެ ލަޝްކަރުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުގެ ޖާސޫސީ މަތިންދާ ބޯޓު ވައްޓާލާފައި ވަނީ އެ ލަޝްކަރުން ފޮނުވި ސްމާޓް މިސައިލަކުން ކަމަށާއި މިބޯޓަކީ ޖާސޫސުކުރުމަށް ބޭނުންކުރާ އެންމެ ޒާމާނީ އާލާތްތައް ހުރި ޕައިލެޓަކާނުލައި ދަތުރުކުރާ ޑްރޯން މަތިންދާބޯޓެއް ކަމުގަ އެވެ. އިސްރާއީލުގެ ޑްރޯން މަތިންދާބޯޓު ވައްޓާލީ އީރާނުގެ މެދުތެރޭގެ ސަރަހައްދަކަށް ކަމަށް އެގައުމުގެ މީޑިޔާ ބުނެ އެވެ. އަދި އެބޯޓުގެ ބައިތައް ވަނީ އިންގިލާބީ ގާޑުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އީރާނުން ލިބޭ ޚަބަރުތައް ބުނެ އެވެ.
އީރާނުގެ ނަތަންޒް ނިއުކްލިޔާ މަރުކަޒަކީ އެގައުމުން ކުރިޔަށްގެންދާ ޔޫރޭނިޔަމް ފައްކާކުރުމުގެ އެންމެ ބޮޑު ލެބޯޓްރީ އެވެ. އެމަރުކަޒުގައި ޔޫރޭނިޔަމް ފައްކާ ކުރުމަށް ޓަކައި ނިއުކްލިޔާ ސެންޓްރިފިއުޖްގެ 16 ހާސް މެޝިން މަސައްކަތް ކުރަމުންގެންދާ ކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ ބުނެފައިވެ އެވެ. އިސްރާއީލަކީ މެދުއިރުމަތީގައި ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ ހަމައެކަނި ގައުމު ކަމަށް ވިޔަސް އިސްރާއީލުން ގެންދަނީ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮންއަޅާނެ ކަމުގެ އިންޒާރު ދެމުންނެވެ.
މިއީ އިރާން ފަދަ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލާ ގައުމަކަށް ނިއުކްލިޔާ ހަތިޔާރު ލިބިއްޖެ ނަމަ، އެހެން ގައުމުތަކަށް ބިރުދައްކައިގެން ތާއަބަދަށް ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަ އޮތުން ނިމުމަކަށް އަތުވެދާނެ ކަމުގެ ބިރު އިސްރާއީލުން އިޙްސާސް ކުރާތީ އީރާން ފަދަ ފަލަސްތީނުގެ ހައްގުތަކަށް ގޮވާލާ ގައުމަކަށް ނިއުކްލިޔާ ބާރު ލިބުނު ނުދިނުމަށް އިސްރާއީލު ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ދެމުންގެންދާ އިންޒާރެއް ކަމަށް މުޙައްލިލުން ދެކެ އެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔާ މަރުކަޒަކަށް އިސްރާއީލުން ހަމަލާއެއް ދީފި ނަމަ އިސްރާއީލުގެ އެންމެ ބޮޑު ނިއުކްލިޔާ މަރުކަޒު ކަމަށްވާ ދައިމޫނާ ނިއުކްލިޔާ ރިއެކްޓަރަށް ދުރުރާސްތާގެ މިސައިލުން ޙަމަލާދޭނެ ކަމުގެ އިންޒާރު ދީފައި ވާތީ އީރާނުގެ އެއްވެސް ނިއުކްލިޔާ މަރުކަޒަކަށް ހަމަލާދޭން މިހާތަނަށް އިސްރާއީލަށް ކެރިފައެއް ނުވެ އެވެ.
އީރާނުން ވަނީ އެގައުމުގެ ނިއުކްލިޔާ މަރުކަޒުތަކަށް ޖާސޫކުރަން އުޅުނު އެމެރިކާގެ ޑްރޯން މަތިންދާ ބޯޓެއް ވެސް މިގެ ދެ އަހަރު ކުރިން ވައްޓާލައި އެބޯޓުގެ ޓެކްނޮލޮޖީ ހޯދާފަ އެވެ. (އަލްއާލަމް ޓީވީ)