25 Aug 2014, 13:00
އެކަކު މަދުކޮށް ރޭ ކުޅުނު ބާސެލޯނާ، މެސީގެ ދެ ލަނޑާއެކު ސްޕްނިޝްލަލީގާގެ ފުރަތަމަ މެޗުން އެ ޓީމު މޮޅުވެއްޖެ އެވެ.
ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެލްޗޭއާ ވާދަކޮށް މޮޅުވީ 3-0 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ބާސެލޯނާއަށް ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ތަރި ލިއެނޮލް މެސީ އެވެ. އެ ލަނޑު މެސީ ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 42 ވަނަ މިނިޓްގަ އެވެ. އެ ލަނޑު ޖެހިތާ ދެ މިނިޓް ފަހުން އެލްޗޭގެ ގެރީ ރޮޑްރިގޭޒް އަށް ކުރި ފައުލްއާކާ ގުޅިގެން ބާސެލޯނާގެ މެޝެރާނޯއަށް ވަނީ ރަތްކާޑު ދައްކާފަ އެވެ.
މެޗުގެ ދެ ވަނަ ހާފް ބާސެލޯނާއިން ފެށީ ވެސް ލަނޑަކާއެކު އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ 46 ވަނަ މިނިޓްގައި އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ މުނީރް އަލް ހެއްދާދީ އެވެ. ބާސެލޯނާގެ ތިން ވަނަ ލަނޑު މެސީގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 63 މިނިޓްގަ އެވެ.
ލަލީގާގެ ބާސެލޯނާގެ ފުރަތަމަ މެޗުގައި މެސީ ލަނޑު ޖެހިއިރު 2008 ވަނަ އަހަރުގެ ސީޒަނާއި 2010ވަނަ އަހަރުގެ ސީޒަންގައި ވެސް މެސީ ވަނީ ފުރަތަމަ މެޗުގައި ލަނޑުޖަހާފަ އެވެ. އެ ދެ ސީޒަންގައި ވެސް ބާސެލޯނާ ވަނީ ޗެންޕިއަންސް ލީގުގެ ތަށި ކާމިޔާބުކޮށްފަ އެވެ.
މެޗެށް ފަހަފު ވާދެވެރި މެޗެއްގައި ފުރަތަމަ ފަހަރަށް ބާސެލޯނާއަށް ކޯޗުކޮށްދިން ލުއިސް އެންރީކޭ ވަނީ މެސީއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. ލުއިސް އެންރީކޭ ބުނީ މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެންމެން ވެސް ބުނަމުންދާ ކަމަށާއި އެނާ އެކަން ދަނޑު މަތީގައި ވެސް ސާބިތު ކޮށްދެމުން ދާ ކަމަށެވެ.
ލަލީގާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެއިބާ ވަނީ ރެއާލް ސޮސެއިޑާޑް މަޗަށް 1-0 ލަނޑުން ކުރި ހޯދާފަ އެވެ. ސެލްތަވީގޯ ވާނީ ގަޓާފޭ 3-1 ލަނޑުން ބަލިކޮށްފަ އެވެ. ލެވަންޓޭ ވަނީ އަމިއްލަ ދަނޑުގައި ވިލްރެޔާލް އަތުން 0-2 ލަނޑުން ބަލިވެފަ އެވެ.