ފްރާންސް ލީގު ވަންގައި މޮނާކޯ ރަށުން ބޭރުގައި ނަންޓެސް ދެކޮޅަށް ކުޅެ 1-0 މެޅޮވެ ނަންޓެސް ބަލިނުވެ ދަމަހައްޓަމުން އަންނަ ރިކޯޑް ނިމުމަކަށް ގެނެސްފި އެވެ.

މެޗުގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަހާފްގެ 45 ވަނަ މިނިޓްގައި އެ ޓީމުގެ ތަރި ރޮޑަމަލް ފަލްކާއޯ އެވެ. މިއީ އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި ވެސް ނުކުޅެވުނު ފަލްކާއޯ އަނިޔާ އިން ރަނގަޅުވެގެން ފުރަތަމަ 11 ގައި ހިމަނައިގެން ކުޅެން ނުކުތް ފުރަތަމަ މެޗެވެ.

މެޗުގައި ގިނައިރު ބޯޅަ ހިފައްޓައި ގިނައިރު ހަމަލާތަށް އުފައްދާފައި ވަނީ މޮނާކޯ އިންނެވެ. މެޗުގައި ނަންޓެސްގެ ގޯލަށް އަމާޒުކޮށް ހަ ހަމަލާއެއް މޮނާކޯއިން ވަނީ ފޮނުވާފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ނަންޓެސް އަށް ލިބުނު ޕެނެލްޓީއެށް މޮނާކޯގެ ކޮރެއޭޝިޔާ ގޯލްކީޕަރު ޑެނިޔަލް ސްބަސިޗްވަނީ ދިފާއު ކޮށްފަ އެވެ.

އެ މެޗަށް މޮނާކޯގެ ކުޅުންތެރިން ނެންޓެސްގެ ދަނޑަށް އައިސްފައި ވަނީ ބަސްހަލާކު ވުމުގެ ސަބަބުން ޓެކްސީ ތަކެއްގަ އެވެ. ލީގުގަ ފުރަތަމަ ކުޅުނު ދެމެޗުން ވެސް މޮނާކޯ ވަނީ ބަލިވެފަ އެވެ. މިދިޔަ ސީޒަންގެ ރަނަރަޕް މޮނާކޯ އޮތީ މިވަގުތު ލީގްތާވަލްގެ 17ވަނަގަ އެވެ.

ފްރާންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އޮލިންޕިކް ލިޔޯން ވަނީ އަމިއްލަ ދަނޑުގައި ލެންސް އަތުން 1-0 ބަލިވެފަ އެވެ. ސެއިންޓް އެތިން އާއި ރެނީސް ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.