ހޮލެންޑްގެ ލީގުގެ ގަދަ ދެ ބާރު ކަމަށްވާ އަޔެކްސް އާއި ޕީއެސްވީ ބައްދަލު ކުރި މެޗުން 3-1 ލަނޑުން ކުރި ހޯދައި ޗެންޕިއަން އަޔެކްސްގެ މައްޗަށް ޕީއެސްވީ ކުރިހޯދާފި އެވެ.

މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 16ވަނަ މިނިޓްގައި ކާމިޔާބު ކުރީ އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ އަޔެކްސެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ އަންވަރު އަލް ގާޒީ އެވެ. ޕީއެސްވީ ލަނޑުތައް މެޗުގައި ފެނިގެން ދިޔައީ ދެވަނަ ހާފްގަ އެވެ.

މެޗުގެ ޕީއެސްވީ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ 52 ވަނަ މިނިޓްގައި ލޫސިއާނޯ ނާސިންގު ދިން ބޯޅައަކުން މެޕިސް ޑިޕޭ އެވެ. މެޗުގެ ދެ ވަނަ ހާފްގައި ޕީއެސްވީގެ ކައުންޓް އެޓޭކްތައް ވަރުގަދަ ކަން ފާހަގަވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 63 ވަނަ މިނިޓްގައި ލުކް ޑިޖޯން ދިން ބޯޅައަކުން ނާސިންގް ޕީއެސްވީއަށް ލީޑުނަގައި ދިނެވެ.

ޕީއެސްވީއަށް މެޗުން ތިން ޕޮއިންޓް ލިބިގެން ދިޔަކަން ކަށަވަރު ވެގެން ދިޔައީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް 86 ވަނަ މިނިޓްގައި ފްލޮރިއަން ޖެޒަފޫން ކާމިޔާބު ކުރި ލަނޑުންނެވެ.

މިއީ ވެތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި އެމްސްޓެޑަމް އެރީނާގައި ޕީއެސްވީ މޮޅުވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޕީއެސްވީ އެމްސެޓެޑަން އެރީނާގައި މޮޅުވެފައި ވަނީ 2008 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ. އެ މޮޅާއެކު ކުރީގެ ކެޕްޓަނު ކޮކޫގެ އިރުޝާދުގެ ދަށުން ނުކުތް ޕީއެސްވީ ވަނީ ތާވަލްގެ އެއް ވަނަ މަގާމުގަ އެވެ.

ރޭގައި ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފެނަރޫޑްވަނީ އުޓްރެޗް އަތުން 2-1 އަމިއްލަ ދަނޑުގައި ކުޅެބަލިވެފަ އެވެ. ޓުވެންޓީ އާއި އެންއޭސީ ބެރާޑާ މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރު ވެފަ އެވެ.