ރާއްޖޭގެ ތަކެތީގެ އަގުތައް ނުވަތަ އިންފުލޭޝަން ރޭޓް އަހަރެއް ތެރޭގައި 2.55 ޕަސެންޓަށް މައްޗަށް އުފުލިއްޖެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކޮށްފައިވާ މިދިޔަ ޖުލައި މަހުގެ، ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 2.55 ޕަސެންޓް މަތީގަ އެވެ. ޖޫން މަހުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި އިންފްލޭޝަން ރޭޓަށް ބަލާ އިރު އެ އަދަދު ވަނީ 3.32 ޕަސެންޓް މައްޗަށް ޖެހިފަ އެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓް މައްޗަށް ގޮސްފައިވާ ބައިތަކަށް ބަލާ އިރު ކާބޯތަކެތީގެ ބައިން 1.46 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު ގޭގެ ކުލި، ފެން ކަރަންޓް، ގޭސް އަދި ތެލުގެ ބައިން ވަނީ 3.20 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. މުވާސަލާތީ ހިދުމަތުގެ ބައިން ވެސް ވަނީ 2.35 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު ސިއްހީ ހިދުމަތުގެ ބައިން ވަނީ 12.18 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި ގޭގޭ ކުލީގެ ބައިން ވަނީ 4.38 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

ޖުލައި މަހުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ހިމެނެނީ ދުންފަތުގެ ބައިން 0.38 ޕަސެންޓް އަދި ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނުގެ ބައިން ވަނީ 3.33 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.

މިދިޔަ ޖުލައި މަހު އެކަނި ބެލި ނަމަވެސް އިންފްލޭޝަން 0.14 ޕަސެންޓަށް ވަނީ މަތިވެފަ އެވެ.