17 Jan 2011, 11:44
ހުޅުމާލޭ ފެރީ ޓާމިނަލުގެ ތެރޭގައި ވަޅިއެއް ގެންގުޅުނު މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ( އޮފީހުން ދައުވާކޮށްފި އެވެ.
މިއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން މީހެއްގެ މައްޗަށް ދައުވާ ކުރި ފުރަތަމަ ފަހަރެވެ.
މއ. އޮމެގާ، މޫސާ މުހައްމަދުގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އޭނާއާމެދު ތުހުމަތު ކުރެވިފައި އޮތް ބަނގުރާ ގެންގުޅުނު މައްސަލައަކާ ގުޅިގެން ހައްޔަރުކޮށް ފާސް ކުރިއިރު އޭނާގެ ޖީބުން ތިލައިގައި ފަސް އިންޗި ހުންނަ ވަރުގެ ބަޓަފްލައި ނައިފެއް ފެނިފައިވާ ކަމަށެވެ. އެހެންކަމުން ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާއާ ހަވާލާދީ އެ މާއްދާގެ ނ. އާއި ރ. ގެ ދަށުން މޫސާ މުހައްމަދުގެ މައްޗަށް އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އުފުލީ ކަމަށެވެ.
ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައި ވަނީ މަގުބޫލު އުޒުރެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެހި ގެންގުޅުމަކީ މަނާ ކަމެއް ކަމަށެވެ. އެ މާއްދާގެ ނ. ގައި ބުނެފައި ވަނީ މިފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ ހަ މަސް ދުވަހާއި 12 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ. އަދި އެ މާއްދާގެ ރ. ގައި ބުނެފައި ވަނީ ތޫނު އެއްޗެއް ގެންގުޅެފައި ވަނީ ގިނަ މީހުން އެއްވެ އުޅޭ ނުވަތަ އާންމު ދަތުރުފަތުރު ކުރާ ބަސް ނުވަތަ ފެރީ ފަދަ ތަނެއްގައި ނަމަ އުގޫބާތުގެ ތެރެއަށް އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއް އިތުރު ކުރެވޭނެ ކަމަށެވެ.
ތޫނު ހަތިޔާރެއް ގެންގުޅެގެން މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާއިރު އިއްޔެ ވެސް މާލޭގައި ޒުވާނެއްގެ ލޮލަށް ވަނީ ވަޅިއަކުން ހަމަލާދީފަ އެވެ. އަދި މިދިޔަ ހަފްތާގައި ދެ ފަހަރަކަށް ޕީޓްރަލް ކައިރީގައި ވެސް ވަޅީގެ ހަމަލާ ދީފައިވެ އެވެ.