އެކިއެކި ފަރާތްތަކުގެ ފޯންތަކަށް ދެމުން ގެންދާ އިންޒާރުތައް ދެނެ ގަތުމަށް ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ގުޅިގެން ފުލުހުން އުރީދޫގެ އިސް ބޭފުޅުންނާ މަޝްވަރާކޮށްފި އެވެ.

އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރު ވިކްރަމް ސިނާއާއެކު ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު މިއަދު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމަށް އެކި ފަރާތްތަކުން ފޮނުވަމުންދާ މެސެޖްތައް ފޮނުވާ ފަރާތްތައް މިހާރަށް ވުރެ ފަސޭހަ ނިޒާމެއްގެ ތެރެއިން ދެނެގަނެ އެފަދަ ކަންކަން ހުއްޓުވުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމުގައި ފުލުހުންގެ އިސް އޮފިޝަލުން ވެސް ވަނީ ބައިވެެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން ސީސީ ޓީވީ އެކްސްޕެންޝަން ޕްރޮޖެކްޓްގައި ދެ ފަރާތުން ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށާއި ކޯލް ސެންޓަރުގެ މުވައްޒަފުންނަށް ދޭން ޖެހޭ ތަމްރީނުތައް ދިނުމުގައި ދެ ފަރާތުގެ އެއްބާރުލުމާއެކު ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފުލުހުން މިހާރު ބަލަމުން ގެންދާ މައްސަލަތަކުގެ ތެރޭގައި ސިޔާސީ ބައެއް ފަރާތްތަކާއި ރާއްޖޭގެ ނޫސްވެރިންގެ އިތުރުން ބައެއް އާއްމުންގެ ފޯންތަކަށް ބިރު ދެއްވުމާއި މަރުގެ ތަފާތު އިންޒާރުތައް ދިން މައްސަލަތަކެއް ވެސް ހިމެނޭ ކަމަށެވެ.

އެސްއެމްއެސް މެދުވެރިކޮށް ބިރުދެއްކުމާއި މަރުގެ އިންޒާރުތައް ދީ އެކިއެކި ފަރާތްތަކުގެ ފޯންތަކަށް މެސެޖްތައް ލޯކަލް ނޫން ބައެއް ނުދަންނަ ނަމްބަރުތަކުގެ އިތުރުން އެކިއެކި މީސްމީހުންގެ ނަމްބަރުތަކުން ވެސް ފޮނުވާފައި ހުރެ އެވެ.

ފޭކް އެސްއެމްއެސް ފޮނުވުމަކީ "އެސްއެމްއެސް ގޭޓްވޭ އެއް މެދުވެރިކޮށް" ކުރާ ކަމެކެވެ. އެފަދަ އެސްއެމްއެސް ފޮނުވުމަށް ގިނަ ފަހަަރަށް ބޭނުން ކުރަނީ ބޭރުގެ ގޭޓްވޭތަކެވެ. އަދި އެފަދަ ގޭޓްވޭތައް މެދުވެރިކޮށް ބޭނުން ނަންބަރެއްގައި ނުވަތަ ބޭނުން ނަމެއްގައި އެއް ފަހަރާ އެތައް ނަންބަރަކަށް މެސެޖްތައް ފޮނުވެ އެވެ.