މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ އިންޑިއާގެ ލެބް ޓެކްނީޝަނަށް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށް ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

އިންޑިއާގެ ކެރެލާ އަށް އުފަން ރާޖޭޝް ކައްކަނައްޓު ބަސްކަރަން، 32،ގެ މައްޗަށް ދައުލަތުން ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލިސް ބާއްވާފައި ވަނީ މިއަދު ހެނދުނު އެވެ. އެ ޝަރީއަތް ބާއްވާފައި ވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގަ އެވެ.

ޝަރީއަތަށްފަހު ފުލުހުންގެ ބެލުމުގެ ދަށުން ރާޖޭޝް ކޯޓުން ނެރެގެން ގެންދަނީ --- ސަން ފޮޓޯ: އަހްމަދު އާޒިފް

މިއަދުގެ ޝަރީއަތުގެ މަޖިލީހާ ގުޅޭގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ހުސައިން ނާޝިދު ވިދާޅުވީ، އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކު ހަމަޖެއްސުމަށްފަހު ކަމަށް ރާޖޭސް މިއަދު ކޯޓުގައި ބުނި ކަމަށެވެ. އެހެން ކަމުން އޭނާ އެދުނު ގޮތަށް އެ ފުރުސަތު ކޯޓުންދީފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވީ ރާޖޭޝްގެ މައްޗަށް ދައުވާ ކުރަން ޖެހުނު ސަބަބަކީ ލޭ ހަދިޔާ ކުރި މީހާގެ ލެޔަކީ އެޗްއައިވީއަށް ޕޮޒިޓިވް ލެއެއް ކަމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގެ ލޭ ޓެސްޓު ކުރާ މެޝިނުން ދެއްކުމުން ވެސް އެ ލެޔަކީ އެޗްއައިވީ ނެގެޓިވް ލެއެއް ކަމަށް ރިޕޯޓުގައި ލިޔެފައިވުމުން ކަމަށެވެ.
ރާޖޭޝް ފުލުހުންގެ ވެހިކަލް ތެރޭގައި -- ސަން ފޮޓޯ: އަހްމަދު އާޒިފް

ރާޖޭޝްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ އަމަލެއްގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމަށްވާނަމަ، އެ ކުށްކުރި މީހެއްގެ އަދަބަކީ ގިނަވެގެން ދެ އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ. އަދި އެ ދެ އަދަބުގެ ބަދަލުގައި 1000 ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.