މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ހޯދުމަށް ކުރަމުންދާ މަސައްކަތަށް އެއްވެސް އަލިމަގެއް ފެންނަމުންނުދާ ކަމަށް ބުނެ، ރިލްވާންގެ އާއިލާ އާއި އޭނާގެ އެކުވެރިން ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެއްޖެ އެވެ.

ރިޟުވާންގެ އާއިލާއިންނާ ރައްޓެހިންގެ އިތުރުން ހެޔޮ އެދޭ ފަރާތްތަކުން މަޖިލިސް ދޮަށަށް އެއްވެ ސުލްހަވެރި އެއްވުމެއް މިއަދު ކުރިއަށް ގެންގޮސްފައިވެ އެވެ. ރިޟުވާން އާއިލާގެ ފަރާތުން ވަނީ މަޖިލީހަށް ސިޓީއެއް ވެސް ހުށަހަޅާފަ އެވެ. އާއިލާގެ ފަރާތުން އެ ސިޓީ މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައި ވަނީ ރިޟުވާންގެ މަންމަ އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ރިޟުވާންގެ ބޭބެ މޫސާ ރިލްވާން ބުނީ، މަޖިލީހުގެ ދޮށަށް އެއްވެފައި ވަނީ 17 ދުވަސް ވެފައިވާއިރު ކޮއްކޮ ހޯދުމުގައި އެއްވެސް އަލިމަގެއް ފެނިފައި ނުވާތީ ކަމަށެވެ. އަދި އޭނާ ހޯދުން އެކަށީގެންވާ މަސައްކަތެއް ކުރެވޭ ކަމަކަށް ގަބޫލު ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އާއިލާގެ ވަރަށް ކަންބޮޑުވުން އެބަ އޮތް. 17 ދުވަސްވެފައިވާއިރު، ހޯދަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ ކަމަކަށް އަޅުނގަޑުމެން ގަބޫލެއް ނުކުރަން. ވަރަށް ހިތާމަކުރަން މަޖިލީހުގެ ތެރެއިން ވެސް އެކަށީގެންވާ ވަރަށް އެއްބާރުލުން ލިބިގެންނުދާތީ،" ރިޟުވާންގެ ބޭބެ ބުންޏެވެ.

މީގެ އިތުރުން، އާއިލާގެ ފަރާތުން ރައީސް ޔާމީންއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުއާ ވެސް ބައްދަލުކުރަން އެދިފައިވާނެ ކަމަށާއި ނަމަވެސް މިހާތަނަށް ފުރުސަތެއް ލިބިފައިނުވާ ކަމަށް މޫސާ ރިޟުވާން ބުންޏެވެ.

އެއްވުމުގައި ހުރެ ވާހަކަފުޅު ދައްކަމުން ރިޟުވާންގެ މަންމަ އަމިނަތު އީސާ ބުނީ، އެހެން ހުރިހާ ކަމެއް ވެސް ހޯދާހެން މިގައުމުގެ ވެރިން ރިޟުވާން ހޯދަން އުޅެންޔާ ރިޟުވާން ފެންނާނެ ކަމަށެވެ.

"މިބޭކަލުން ހޯއްދަވަން އުޅެންޔާ ހޯއްދެވޭނެ ދެއްތޯ. އަޅުނގަޑަށް އިނގޭ ކަމަކީ މިބޭކަލުން ވެސް ހަމަ ހޯއްދަވަން އުޅެންޔާ ހޯދޭނެ ކަން. އެހެން ހުރިހާ ކަމެއް ވެސް ހޯއްދަވަނީ ވިއްޔަ،" ރިޟުވާންގެ މަންމަ ރޮމުން ބުންޏެވެ.

"އަޅުނގަޑުމެންގެ އާދޭސް ގަބޫލު ކުރައްވާ. ހެޔޮނުވާނެ. ހުރިހާ ވެރިންގެ އަރިހަށް މިދަނީ. ރާއްޖޭގައި ތިބި ހުރިހާ ވެރިން ކައިރިއަށް އަޅުނގަޑުމެން މި ދަނީ. ގޮސް މި ދަންނަވަނީ އަޅުނގަޑުމެންގެ ހިތަށް ފިނި ކަމެއް ދެއްވާށޭ. ދަރިފުޅަށް ވީގޮތެއް އަޅުނގަޑުމެންނަށް އަންގަވާށޭ. މާތް ﷲ އަށްޓަކައި،"

ރިޟުވާން ގެއްލުނު ފަހުން މިއަދަށް 17 ދުވަސްވެފައިވާއިރު، ރިޟުވާން ހޯދުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ފުލުހުން ގެންދަނީ މީހުން ދިރިއުޅޭ ބައެއް ފްލެޓްތަކާއި ގެސްޓް ހައުސް ފަދަ ތަންތަނުގެ އިތުރުން ގެތައް ވެސް ބަލައި ފާސް ކުރަމުންނެވެ.

ފުލުހުންގެ ތަހުގީގު ކުރިއަށް ދަނިކޮށް ރިޟުވާން މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީޓާމިނަލުން ޓިކެޓް ގަނެގެން ޓާމިނަލުން އެތެރެއަށްދާ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖްއެއް ވަނީ އާންމުވެފަ އެވެ. ނަމަވެސް އޭނާ ހުޅުމާލެއަށް ގޮސްފައިވާކަން ޔަގީން ކުރެވިފައި ނުވާ ކަމަށް ފުލުހުން މިހާތަނަށް ވަނީ ބުނެފަ އެވެ.

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާނާ ބެހޭ މައުލޫމާތެއްދޭ ފަރާތަކަށް 50،000 ރުފިޔާ ދިނުމަށް އޭނާގެ އާއިލާއިން ވަނީ ނިންމައިފަ އެވެ.