ހިރިޔާ ސްކޫލުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ކައިވެނި ޕާޓީއެއްގައި ސިފައިން ހަވާ އަރުވައިދީފި އެވެ.

ބަޑިބޭހުގެ ކުޅިވަރުތަކާއި ހަވާ އެރުވުމުގެ ކަންތައްތައް މީގެ ކުރިން ސިފައިން ކުރަމުން ގެންދަނީ ދުރާލައި އެކަން އާއްމުންނަށް އެނގުމަށް ފަހު ގައުމީ ބޮޑެތި އިފްތިފާލުތަކުގައި އާއި ބޮޑެތި ރަސްމިއްޔާތުތަކުގަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ހުސެއިން އަލީ ވިދާޅުވީ ހިރިޔާ ސްކޫލްގައި ބޭއްވި ކައިވެނީގެ ހަފްލާއެއްގައި ހަވާއެރުވުމުގެ ކަންތައްތައް ކޮށްފައި ވަނީ ސިފައިން ކަމަށެވެ.

ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް މަޝްރޫފް ސަން އަށް ވިދާޅުވީ ހުކުރު ދުވަހު އެ ސްކޫލްގައި ބޭއްވީ އަމިއްލަ ފަރާތަކުން ކުއްޔަށް ހިފައިގެން ބޭއްވި "ވެޑިންގް ޕާޓީއެއް" ކަމަށާއި އެތަނުގައި ހަވާއެރުވުުމުގެ ކަންތައްތައް ކުރަން ފެށުމުން ބައެއް ބެލެނިވެރިން ގުޅި ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތެއްގެ ޝަކުވާއެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޭރަންޓަކު ގުޅާފައި ބުނީ ސްކޫލްގައި އެއްވެސް ކަހަލަ ސްކޫލްގެ އިވެންޓެއް އޮތީހޭ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ހަވާއަކީ ދިވެހި ރާއްޖެ އަށް ގެނައުން މަނާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ހާއްސަ ހުއްދައެއް ލިބިގެން އެ ފަރާތުން ކަނޑައަޅާ ގަވާއިދަކާއި އުސޫލެއްގެ ދަށުން ރާއްޖެ ގެނެވޭނެ ތަކެތި ކަމުގައި ބުނެފައިވެ އެވެ. ނަމަވެސް ހުއްދަ އޮތް ފަރާތްތަަކުން ވެސް އެތަކެތި ރާއްޖެ ގެނައި ނަމަވެސް އެތަކެތި ބަހައްޓަން ޖެހޭނީ އަދި އެތަކެތި ބޭނުން ކުރުމުގައި ހުއްދަ ވެސް އެ އުސޫލްގެ ދަށުން ލިބިދީފައި ވަނީ ސިފައިންނަށެވެ.

ކައިވެނީގެ ހަފްލާއެއްގައި އަލަށް ސިފައިން ހަވާއެރުވާފައިވާ އިރު މީގެ ކުރިން އެ ފަރާތުން ވަނީ ރިސޯޓްތަކުގަ އާއި ބައެއް ޖަމިއްޔާ ޖަމާއަތްތަކުގެ އެކިއެކި ރަސްމިއްޔާތުގައި ބަޑިބޭހުގެ ކުޅިވަރުތައް ބާއްވައިދީފަ އެވެ.