ރާއްޖޭގެ ނޫސްވެރިކަމަށް ގިނަ ހިދުމަތްތަކެއް ކުރަމުން އަންނަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް ކަމުން އަހުމަދު ޒާހިރު (ހިރިގާ) އިސްތިއުފާ ދެއްވައިފި އެވެ.

އެމްޖޭއޭގެ ނައިބު ރައީސް އަލީ ޝަމްއާނަށް މިއަދު ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވެފައި ވަނީ މަގާމުން އިސްތިއުފާ ދެއްވީ އެ ޖަމިއްޔާގެ ހިންގާ ކޮމެޓީ އިންތިހާބު ކުރަން ތިން ފަހަރެއްގެ މަތީން މަސައްކަތްކޮށް އެކަން ކާމިޔާބު ނުވެ، މަގާމުގައި ދެމި ހުރުމަކީ ޒަމީރު ތަންދޭ ކަމެއް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.

ސިޓީގައި ހިރިގާ އަދި ވިދާޅުވެފައި ވަނީ އެމްޖޭއޭގެ ރައީސް ކަމުން އިސްތިއުފާ ދެއްވި ނަމަވެސް އެޖަމިއްޔާގެ ހިންގާ ކޮމެޓީގެ އިންތިހާބު ބޭއްވުމަށް، ޖަމިއްޔާ އުފެއްދި އެއް މުއައްސިސުގެ ހައިސިއްޔަތުން އަދިވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"...އަޅުގަނޑު ޖަމިއްޔާގެ ރައީސް ކަމުން އިސްތިއުފާ ދިން ނަމަވެސް، އެމްޖޭއޭ އުފެއްދި އެއް މުއައްސިސުގެ ހައިސިއްޔަތުން ޖަމިއްޔާގެ އިންތިހާބު ބޭއްވުމަށް އަޅުގަނޑަށް ކުރެވެން އޮތް ކޮންމެ ކަމެއް ކޮށްގެން އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރާނެ ވާހަކަ ދަންނަމަވަމެވެ،" ސިޓީގައިވެ އެވެ.

އެމްޖޭއޭގެ ރައީސްގެ ގޮތުގައި އޭނާ ހޭދަކުރެއްވި މުއްދަތުގައި އެ ޖަމިއްޔާއަކީ ރާއްޖޭގެ އިތުރުން ރާއްޖެ އިން ބޭރުގައި ވެސް ބަސްވިކޭ ބައިނަލް އަގުވާމީ ދުނިޔެ ބަލައިގެންފައިވާ ޖަމިއްޔާއަކަށް ހައްދަވާފައި ވާނެ ކަމަށް ހިރިގާ ވަނީ އެ ސިޓީގައި ވިދާޅުފަ އެވެ. އަދި ރާއްޖޭގެ ގިނަ ނޫސްވެރިންތަކަކަށް ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު އެމްޖޭއޭ އިން ހޯދައިދީފައިވާކަން ވެސް ފާހަގަ ކުރައްވާފައިވެ އެވެ.

އެމްޖޭއޭގެ އިންތިހާބު ބޭއްވުމަށް ތިން ފަހަރެއްގެ މަތިން ކުރި މަސައްކަތް ނާކާމިޔާބުވީ ތިން ފަހަރު ވެސް ތަފާތު ތިން ބަހަނާއެއްގައި އިންތިހާބު ބޭއްވުމުގެ ޖަލްސާ ބަޔަކު ހުއްޓުވަން މަސައްކަތް ކުރުމުންނެވެ. އެގޮތުން އެންމެ ފަހުން ޖަލްސާއެއް ބާއްވަން މަސައްކަތް ކުރީ ރޭގަ އެވެ. ޔޫތު ސެންޓަރުގައި ރޭ ބާއްވަން އުޅުނު ޖަލްސާ ހުއްޓުވަން މަސައްކަތް ކުރި ނޫސްވެރިން ބުނެފައި ވަނީ ޖަލްސާ އޮންނަ ކަން ނޭނގުމުގެ ސަބަބުން ގިނަ އަދަދެއްގެ ނޫސްވެރިންނަށް ބައިވެރި ނުވެވުނު ކަމަށެވެ. ނަމަވެސް އެމްޖޭއޭ އިން ބުނީ އެ ޖަމިއްޔާގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން 15 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެ ޖަމިއްޔާގެ ވެބްސައިޓްގައި އިއުލާންކޮށްފައިވާނެ ކަމަށެވެ.