25 Aug 2014, 10:19
ރައީސަކު ކުށެއްކޮށްފި ނަމަ ވަކި މުއްދަތަކަށް އިނާޔަތް ނުދޭ ގޮތަށް "ރައީސުލްޖުމްހޫރީއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނު" އަށް ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާޙު އަނބުރާ ގެންދަވައިފި އެވެ.
އެމްޑީޕީއަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ރިޔާޒް ރަޝީދު ވިދާޅުވީ އޭނާ އެ ބިލް އަނބުރާގެންދަވަނީ އެ ބިލަށް އިތުރު އިސްލާޙުތަކެއް ގެންނަން ބޭނުންވާތީ ކަމަށެވެ. އަދި މިހާރު އެ ހުށަހެޅުއްވި އިސްލާޙު ފާސްވެއްޖެ ނަމަ އޭގެން ނޭދެވޭ ގެއްލުންތަކެއް ވެދާނެ ކަަމަށް ރިޔާޒް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހަގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމު އަދާކުރެއްވި އިރު ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެއްޖެ ނަމަ އެ ހުކުމެއް އަންނަ ދުވަހުން ފެށިގެން 10 އަހަރު ދުވަސް ވަންދެން އެ ބޭފުޅަކަށް ދައުލަތުންދޭ އިނާޔަތެއް ނުލިބޭނެ ކަމަށެވެ.
އިސްލާހުގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމު އަދާކުރި އިރު ކޮށްފައިވާ ހިޔާނާތުގެ ސަބަބުން ނުވަތަ ކޮރޮޕްޝަންގެ އަމަލެއްގެ ސަބަބުން ޝަރުޢީ ހުކުމެއް އަތުވެއްޖެ ނަމަ އެފަދަ ކުށެއް ސާބިތުވާ ދުވަހުން ފެށިގެން 10 އަހަރު ދުވަސް ވަންދެން ދައުލަތުންދޭ އެއްވެސް އިނާޔަތެއް އަދި ރައްކާތެރިކަމެއް އެ ބޭފުޅަކަށް ނުލިބޭނެ އެވެ.
ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާޙުގައިވާ ގޮތުން ރައީސުލްޖުމްއްހޫރީއްޔާ ކަމުގެ މަގާމް އަދާ ކުރެއްވުމަށް ފަހު ވެސް އެއްވެސް ބާވަތެއްގެ ކުށެއް ކުރިކަން ޝަރުޢީ ކޯޓަކަށް ސާބިތުވެއްޖެ ނަމަވެސް ވަކި މުއްދަތަކަށް ދައުލަތުންދޭ އެއްވެސް އިނާޔަތެއް ނުވަތަ ރައްކާތެރިކަމެއް އެ ބޭފުޅަކަށް ނުލިބޭނެ އެވެ. އެގޮތުން ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެއްޖެ ނަމަ އެ ކުށެއް ސާބިތުވާ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ވަންދެން އެ ބޭފުޅަކަށް ދައުލަތުންދޭ އެއްވެސް އިނާޔަތެއް އަދި ރައްކާތެރިކަމެއް ވެސް ނުލިބޭނެ އެވެ.
"ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރި ކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނު" ހުށަހެޅި އިސްލާހުގައިވާ ގޮތުން ރައީސްކަން ކޮށްފައިވާ ބޭފުޅަކު ވެރިކަމުގައި ހުންނެވި ދުވަސްވަރު ވެސް ނުވަތަ އޭގެ ފަހުން ވިޔަސް ދިވެހި ރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ އަމަލެއް ކުރުން ނުވަތަ އެފަދަ ކަމަކަށް ހިއްވަރު ދިނުން، ނުވަތަ ޓެރަރިސްޓް އަމަލެއް ހިންގުން އެފަދަ ޖަމާއަތެއްގައި ބައިވެރިވުން އެފަދަ ކަމަށް ގޮވާލުން ނުވަތަ ހިތްވަރު ދިނުން އަދި ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވާ ފަދަ އަމަލެއް ކުރުން ނުވަތަ އެފަދަ ކަމަކަށް ހިއްވަރު ދިންކަން ޝަރުޢީ ކޯޓަކަށް ސާބިތު ވެއްޖެ ނަމަ ވެސް އެ ބޭފުޅަކަށް ދައުލަތުންދޭ އެއްވެސް އިނާޔަތެއް އަދި ރައްކާތެރިކަމެއް ވެސް ނުލިބޭނެ އެވެ.
"ރައީސުލްޖުމްހޫރީއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނު" އަށް ރިޔާޒް ހުށަހެޅި އިސްލާހްގެ ބިލުގެ ފުރަތަމަ ކިޔުން ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.