ލ. ގަން ތުނޑި، ވުޑްލޭންޑް އަހްމަދު ނިޒާރު މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުއްޖާ ހުށަހެޅި ދިފާއީ ހަތަރު ހެކީންގެ ހެކިބަސް ނަގައިފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ހަތަރު ހެކީންގެ ހެކިބަސް ނަގައި ނިމިފައިވާތީ މިމަހުގެ 31 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވައި، ހާދިސާ ހިނގިތަނަށް ދިޔަ ހަތަރު ފުލުހުންގެ ހެކިބަސް ނެގުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އޭގެ އިތުރުން އަންނަ މަހުގެ ހަތް ވަނަ ދުވަހާއި 14 ވަނަ ދުވަހު ވެސް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައިވާ ކަމަށާއި އެ ދެ ދުވަހު ވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.

މިމަހުގެ 18 ވަނަ ދުވަހު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި، މަންޒަރު ދުށް ހަތަރު މީހުންގެ ހެކިބަސް ވަނީ ނަގައިފަ އެވެ.

ދައުލަތުން އެ ކުއްޖާގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:23 އެހައިކަންހާ އިރު ލ. ގަން ސިނާއީ މަގުން ދެކުނުން އުތުރަށް ނިޒާރު ސައިކަލުގައި ދުއްވާފައި ދަނިކޮށް އެ ކުއްޖާ އިތުރު ބަޔަކާ އެކު، އެ މަގުގައި ދިރާގު އެންޓަނާ ހުންނަ ސަރަހައްދުން ލަކުޑި ބުރިއާއި ދަގަނޑުބުރިން އޭނާއަށް ހަމަލާދިނުމުން ލިބުނު ޒަޚަމްތަކުގެ ސަބަބުން ނިޒާރު މަރުވެފައިވާ ކަމަށެވެ.

އެ ކުއްޖާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ރާއްޖޭގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުމާއި ނުވަތަ އެފަދަ މަގުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭ ފަދަ ކަމެއް ކުރުމާއި އެފަދަކަމެއް ކުރުމަށް އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.

އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ މެރުން ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުން ކަމަށެވެ. އަދި އެފަދަ ކުށެއް ރޭވުމުގައި ބައިވެރިވި މީހާގެ އަދަބަކީ ވެސް އެއީ އެވެ.