ފަލަސްތީނުގެ މުޖާހިދުންގެ ރޮކެޓާއި މޯޓަރު ބަޑިން ދެމުން ގެންދާ ޙަމަލާތަކުން އިސްރާއީލަށް ބޮޑެތި ވޭންތަކެއްލިބި ބިރުވެރިކަމެއް ގެނަސްދީފި ކަމަށާއި މުޖާހިދުންގެ ޙަމަލާތައް ނުހުއްޓުވިއްޖެ ނަމަ އެއީ އިސްރާއީލުގެ ވުޖޫދަށް ވެސް ނުރައްކާވެދާނެ ކަމެއް ކަމަށް އެގައުމުގެ ކުރީގެ ދިފާއީ ވަޒީރު ރިޓަޔަޑް ޖެނެރަލް ޝާއުލް މަފާޒް ވިދާޅުވެއްޖެ އެވެ.

މަފާޒް ވިދާޅުވީ ދިގު މުއްދަތެއްގެ ހަނގުރާމައެއްގެ ތެރެއަށް އިސްރާއީލު ވައްޓާލުމުގައި ފަލަސްތީނުގެ ޖަމާއަތްތައް ކާމިޔާބު ހޯދައިފި ކަމަށާއި މުޖާހިދުންނާ އެކު ދިގުމުއްދަތުގެ ހަނގުރާމައަކަށް ދިޔުމަކީ އިސްރާއީލުގެ ޢަސްކަރީ ޕްލޭންތަކާ މުޅިން ޚިލާފު އަދި އިސްރާއީލަށް ތަޙައްމަލްކުރެވޭނެ ކަމެއްނޫންކަމުގަ އެވެ. އިސްރާއީލުގެ ނޫހެއްކަމަށްވާ "ޔަދިއޯތު އަހަރްނޯތު" އަށް ދެއްވި ބަސްދީގަތުމެއްގައި ޝާއުލް މަފާޒް އިސްރާއީލުގެ މިހާރުގެ ވެރިންނަށް ގޮވާލެއްވީ ދިގު މުއްދަތެއްގެ ހަނގުރާމައެއްގެ ތެރެއަށް އިސްރާއީލު ވައްޓާލުމަށް ފަލަސްތީނުގެ ޖަމާއަތްތަކުން ރާވާފައިވާ ރޭވުންތަކުން ސަލާމަތްވުމަށާއި މުޖާހިދުން އިސްރާއީލަށްދޭ ރޮކެޓް ޙަމަލާތަކާއި މޯޓަރުބަޑީގެ ޙަމަލާތައް ކޮންމެ އަގެއްދައްކައިގެން ނަމަވެސް ހުއްޓުވުމަށެވެ.

އިސްރާއީލު ސިފައިންގެ ކުރީގެ ޖެނަރަލެއް ކަމަށްވާ މަފާޒް ވިދާޅުވީ ދިގުމުއްދަތެއްގެ ހަނގުރާމައެއް ކުރުމަކީ އިސްރާއީލުން ގެންގުޅޭ ޢަސްކަރީ އަގީދާއާ މުޅިން ޚިލާފު ކަމެއް ކަމަށާ ޢަސްކަރީ ގޮތުން އިސްރާއީލު ކިތަންމެ ބާރުގަދަ ނަމަވެސް މިފަދަ ހަނގުރާމައަކުން އިސްރާއީލުގެ މުޖްތަމައަށް ހީނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެން ހިނގައިދާނެކަމުގަ އެވެ.
އިސްރާއީލުން ކުރާ ހަނގުރާމައެއް މިހާތަނަށް ކޮށްފައި ވާނީ ކުރު މުއްދަތަކަށް ކަމަށާއި މިހާރު ވެސް 50 ދުވަހަށް ހަނގުރާމަ ދިގުދެންމުމުގައި ފަލަސްތީނުގެ ޖަމާއަތްތަކުން ކާމިޔާބު ހޯދުމުން މިއީ އިސްރާއީލަށް ލިބުނު ވަރަށްބޮޑު ގެއްލުމެއް ކަމަށާއި މިކަމުގެ ސަބަބުން އިސްރާއީލުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީ ވަޒަންވެރިން އިސްރާއީލު ދޫކޮށް ހިނގައިދާނެ ކަމުގެ ބިރު ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަމާސް ބަލިކޮށްލައި ޣައްޒާގެ ހަނގުރާމަ އަވަސްގޮތަކަށް ނިންމައިނުލެވުމަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ފޭލްވެވަޑައިގަތުން ކަމަށް ވެސް މަފާޒް ވިދާޅުވި އެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލު ފަށާފައިވާ އުދުވާނީ ހަނގުރާމައިގާ އިސްރާއީލުގެ ސިފައިންގެ ޙަމަލާތައް އަމާޒުކޮށް މަރަމުން ގެންދަނީ ފަލަސްތީނުގެ ކުށެއްނެތް އާންމުންނެވެ. މީގެ ތެރޭގައި ވެސް ގިނައީ ފަލަސްތީނުގެ ނިކަމެތި އަންހެނުންނާއި ކުޑަކުދިންނެވެ. އިސްރާއީލުގެ އިންސާނިއްޔަތާ ޚިލާފު އުދުވާނަށް 50 ދުވަސްވެފައިވާ އިރު ހަމާސްޖަމާއަތާއި ފަލަސްތީން މުޖާހިދުންގެ އެހެން ޖަމާއަތްތަށް އެއްވެސް ވަރަކަށް ބަލިކުރުމަށާއި މިނިވަން ކަމަށްޓަކައި އެޖަމާއަތްތަކުން އިސްރާއީލަށްދޭ ހަމަލާތައް ހުއްޓުވުމުގައި އިސްރާއީލުގެ ސިފައިން ވަނީ މުޅިން ނާކާމިޔާބުވެފަ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ގެންދަވަނީ ފަލަސްތީނުގެ މުޖާހިދުން ބަލިކުރެވެންދެން ޣައްޒާއާ ދެކޮޅަށް އޭނާ ކުރިޔަށްގެންދާ އުދުވާނާއި ގަތްލުއާންމުތައް ކުރިޔަށްގެންދާނެ ކަމަށް ވިދާޅުވެ ހަރުކަށި އިންޒާރުތައް ދެއްވަމުންނެވެ. ނަމަވެސް ފަލަސްތީނުގެ މުޖާހިދުން ވަނީ ނަތަނިޔާހޫގެ ހަރުކަށި ކަމަށް ގޮންޖަހައި ޣައްޒާއާ ދެކޮޅަށް އިސްރާއީލު އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނައްތާލައި އިސްރާއީލުގެ އިސްތިއްމާރީ ވަކިތަކުން ޣައްޒާ މިނިވަން ކުރެވެންދެން އިސްރާއީލާ ދެކޮޅަށްދޭ ޙަމަލާތައް ކުރިޔަށްގެންދާނެކަން ހާމަކޮށްފަ އެވެ. (އަލްޖަޒީރާ)