17 Jan 2011, 11:02
މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލުމަށް ރައީސުލްޖުމްހުރިއްޔާ މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ޕުރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު މިއަދު ވިދާޅުވީ ރައީސް އަށް ލިބިވަޑައިގަތް ޝަކުވާތަކާއި ލަފާފުޅުތަކުގެ މައްޗަށް ބައްލަވައި އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލެއްވުމަށް ނިންމެވީ ކަމަށެވެ. އަދި އެކަމުގައި ގާނޫނީ ގޮތުން ހޯއްދަވަން ޖެހޭ ލަފާފުޅުތައް ރައީސް ހޯއްދެވި ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދުގެ ވަގުތެއްގައި އެ ބިލް އަލުން ވިސްނެވުމަށް މަޖިލީހަށް އަނބުރާ ފޮނުއްވާލައްވާނެ ކަމަށެވެ.
"މިހާރު އިދާރީ މަސައްކަތްތައް ކުރިއަށް މިދަނީ. މިއަދުގެ ވަގުތެއްގައި އެ ބިލް އަލުން ވިސްނެވުމަށް އަނބުރާ ފޮނުވާލާނެ،" ޒުހައިރު ވިދާޅުވި އެވެ.
ޕްރެސް ސެކްރެޓަރީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު އޮތްގޮތުން އާންމު ރައްޔިތުންގެ އަސާސީ އަދި ސިޔާސީ ހައްގުތަކަށް ބުރޫއަރާ ކަމަށް ރައީސަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ. ނަމަވެސް ބިލުގައި ހުރި ހިމާޔަތާއި ރައްކާތެރި ކަމާއި މެންބަރުކަމުން ވަކިވުމަށް ފަހު ވެސް މެންބަރުކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތްތަކެއް ލިބުން ފަދަ ކަންތައްތަކަށް ރައީސް މަރުހަބާ ކިޔާކަމަށް ވެސް ވިދާޅުވި އެވެ
"މީގެ ކުރިން ކަންވެފައި ހުރި ގޮތަށް ވިސްނާލައިފިއްޔާ ފެންނާނެ މަޖިލީހުގެ މެންބަރުން ވަނީ ހައްޔަރުކުރެވިފައި. މިފަދަ ކަންކަން ނުވުމަށް މެންބަރުންނަށް ހާއްސަ އިމްތިޔާޒުތަކެއް ލިބުމަކީ ރައީސް ގަބޫލުކުރައްވާ، އަދި މަރުހަބާ ކިޔާކަމެއް،" ޒުހައިރު ވިދާޅުވި އެވެ.
ހިޔުމަންރައިޓްސް ކޮމިޝަނާއި މަދަނީ ބައެއް ޖަމިއްޔާތަކާއި ބައެއް އާންމު ރައްޔިތުން ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލް މިހާރު އޮތްގޮތަށް ތަސްދީގު ނުކުރައްވައި އިސްލާހު ކުރުމަށް އަނބުރާ މަޖިލީހަށް ފޮނުއްވައިލެއްވުމަށް ރައީސް އަށް ގޮވައިލައްވައިފަ އެވެ.
ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ މެންބަރުންގެ އިމްތިޔާޒުގެ ބިލުގައި މެންބަރުންގެ އިމްތިޔާޒުގެ މަފުހޫމް އޮޅުވާލާފައިވާ ކަމަށާއި އެ ބިލުން މެންބަރުންނަށް އާދަޔާހިލާފު ބޮޑަތި އިނާޔަތްތަކެއް ލިބިދޭ ކަމަށެވެ.
"މަޖިލީހުގެ މެންބަރުންނަށް އިމްތިޔާޒުތައް ލިބެން މިޖެހެނީ އެބޭފުޅުން މަޖިލީހުގައި ދައްކަވާ ވާހަކަފުޅުތަކާއި ފާޅުކުރައްވާ ޝުއޫރުތަކަށް. އެބޭފުޅުންގެ މައްޗަކަށް ދައުވާއެއް ނުކުރެވޭ މަޖިލީހުގެ ތެރޭގައި ދައްކަވާ ވާހަކަފުޅަކުން. އެއީ އިމްތިޔާޒަކީ، އެކަމަކު މި ބިލަށް ބަލައިލައިފިއްޔާ ފެންނާނެ، ޒިންމާގެ ބޭރުން ވެސް އެތައް އިމްތިޔާޒުތަކެއް މަޖިލީހުގެ މެންބަރުންނަށް [ލިބިގެންދާ ތަން]،" އަފީފު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވި އެ ބިލުގައި މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކަކީ މަޖިލީހުގެ ޖަލްސާއެއްގެ ތެރޭގައި ނުވަތަ ޖަލްސާއަށް ހާޒިރު ވަނިކޮށް އަދި އެފަދަ ތަނަކުން އެނބުރި ރުޖޫއަވަނިކޮށް އެއްވެސް މައްސަލައެއްގައި މެންބަރަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެން ނުވާނެ ކަމަށާއި މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ނަމަ އެފަދަ ހާލަތުގައި އެ މެންބަރަކު ޗެކްކޮށް ބަލައި ފާސްކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހުއްދަ ލިބިގެން ކަމަށް ބުނެ ހުށަހަޅާފައިވާ ބިލެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި މުސާރައިގެ 30 ޕަސެންޓް، ދެ ދައުރަށް 45 ޕަސެންޓް ތިން ދައުރު ހަމަކުރާ މެންބަރަކަށް މުސާރައިގެ 60 ޕަސެންޓް މާލީ އިނާޔަތުގެ ގޮތުގައި ދައުލަތުން ދޭން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
އަދި މަޖިލީހުގެ ކޮންމެ މެންބަރަކަށް ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެއް ކާރު ޑިއުޓީ ފްރީކޮށް ރާއްޖެ ގެނައުމުގެ ފުރުސަތު ދައުލަތުން ދޭންވާނެ ކަމަށާއި، އެ ގޮތުން ގެންނަ ކާރެއް ވިއްކާލައި ނުވަތަ މީހަކަށް ދީފި ނަމަ އެކާރެއް ގެނައުމަށް ދައުލަތަށް ދައްކަން ޖެހޭ ޑިއުޓީ ދައްކަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް ގުދުރަތީ ސަބަބަކާ ހުރެ ކާރު ބޭނުން ނުކުރެވޭގޮތެއް ދިމާވެއްޖެ ނަމަ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި އިތުރު ކާރެއް ގެނެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.