މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބު ކުރުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި އެއްވެސް ނޫސްވެރިއަކު މާރާމާރީ ހިންގައި އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ކޮށްފައި ނުވާ ކަމަށް އެ ޖަމިއްޔާ އިން މިރޭ ބުނެފި އެވެ.

އެމްޖޭއޭގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބު ކުރުމަށް ތިން ވަނަ ފަހަރަށް ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންގެ މެދުގައި ބަހުގެ ހަމަލާތަކެއް ރައްދުކޮށް، މިރޭގެ ޖަލްސާ ހޫނުވެފައި ވަނިކޮށް، ބައެއް މީޑިއާތަކުން ފެތުރި ޚަބަރުތައް އެ ޖަމިއްޔާ އިން ވަނީ ދޮގުކޮށްފަ އެވެ.

އެމްޖޭއޭ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސޯޝަލް ސެންޓަރު، ސެމިނާ ރޫމްގައި މިރޭ ބޭއްވި އިންތިޚާބީ ޖަލްސާއަކީ އިޖުރާޢަތުތައް ފުރިހަމަކޮށްގެން ބޭއްވި ޖަލްސާއެއް ކަމަށާއި އިންތިޚާބު ބޭއްވުމަށް ބައެއް މެންބަރުން ދެކޮޅު ހަދައި ނިޒާމީ މައްސަލަ ނަގަން ފެށުމުން ޖަލްސާ ހޫނުވި ކަމަށެވެ. ނަމަވެސް ބައެއް މެންބަރުން އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް ބުނެ އަޑު އުފުލި ކަމަށާއި އޭގެ ސަބަބުން "ދެބަސްވުން އުފެދި، އަރާރުންވި" ކަމަށް އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

"ދެބަސްވުން ގިނަވެ އިންތިޚާބު ބޭއްވޭ މާހައުލު ނެތި ވަރަށް ބޮޑަށް އަރާރުން އުފެދިގެން ދިޔަ އެވެ. ނަމަވެސް އެއްވެސް ނޫސްވެރިއަކު މާރާމާރީ ހިންގައި އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ކޮށްފައެއް ނުވެ އެވެ،" އެމްޖޭއޭގެ ނޫސްބަޔާނުގައިވެ އެވެ.

އެމްޖޭއޭ އިން ބުނެފައި ވަނީ މިރޭގެ ޖަލްސާގައި ކަން ހިނގައި ދިޔަ ގޮތާ ޚިލާފަށް ޚަބަރު ފަތުރާ ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވުމަކީ އެ ޖަމްއިޔާ އިން ހިތާމަ ކުރާ ކަމެއް ކަމަށެވެ. އެމްޖޭއޭ އިން މަސައްކަތް ކުރަމުން ދަނީ "ތަނަވަސް މާހައުލެއްގައި" އިންތިޚާބު ބޭއްވުމަށް ކަމަށާއި ހިޔާލު ތަފާތުވުން ބޮޑުވެގެން އެމްޖޭއޭގެ އިންތިހާބު ނުބޭއްވި ލަސްވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ޖަމިއްްޔާއިން ބުންޏެވެ.

"ނަމަވެސް މެމްބަރުން ފާޅުކޮށްފައިވާ ހިޔާލުތަކަށް ރިޔާއަތްކޮށްގެން، އިންތިހާބީ ޖަލްސާ ވަރަށް އަވަހަށް ބާއްވާނެ ކަމުގެ ޔަގީންކަން ވެސް ތިޔަ ލޮބުވެތި މެމްބަރުންނަށް ދެމެވެ،" އެމްޖޭއޭ އިން މިރޭ ނެރުނު ބަޔާނުގައިވެ އެވެ.
ނޫސްވެރިންގެ ހައްގުގައި ވަކާލާތު ކުރުމަށް އެމްޖޭއޭ އުފެދުނީ މީގެ ފަސް އަހަރު ކުރިން އެޕްރީލް 1، 2009 ގަ އެވެ. މިހާތަނަށް އެމްޖޭއޭގެ ދެ ދައުރުގައި އިންތިހާބު ބާއްވާފައިވެ އެވެ. އެއީ 2009 ވަނަ އަހަރާއި 2011 ވަނަ އަހަރު އެވެ. އެމްޖޭއޭގެ ހިންގާ ކޮމެޓީ އަށް މެމްބަރުން އައްޔަން ކުރަނީ ދެ އަހަރުގެ މުއްދަތަކަށެވެ.

އެމްޖޭއޭގެ ހިންގާ ކޮމެޓީގެ މަގާމުތަކަކީ ރައީސްގެ މަގާމާއި ނައިބު ރައީސް ކަމުގެ މަގާމާއި ސެކަރެޓަރީގެ މަގާމާއި ހަޒާންދާރުގެ މަގާމުގެ އިތުރުން އާންމު މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ދެ މެމްބަރުންގެ މަގާމެވެ.