އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނަމުގައި ސޫރިޔާ އާއި އިރާގުގެ ބައެއްގައި ދައުލަތް ހަދައިގެން ހަނގުރާމަ ކުރާ މީހުންނަކީ ހައްދު ފަހަނައަޅާފައިވާ ބައެއް ކަމަށާއި އެ މީހުންގެ ފިކުރާއި ހަރަކާތްތަކަށް ރާއްޖޭގައި ޖާގައެއް ނުދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު އެހެން ވިދާޅުވީ، މިރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ރިޓްވީޓު ކުރައްވާފަ އެވެ.




އައިއެސް އަކީ އެމެރިކާއިން 2003 ވަނަ އަހަރު އިރާގު ހިފަން ހަމަލާ ދިނުމުން އެ ގައުމާ ދެކޮޅަށް ހަނގުރާމަ ކުރަން އުފެދުނު ޖަމާއަތެކެވެ. ފުރަތަމަ އެ ޖަމާއަތުން ބޭނުންކުރަމުން އައި ނަމަކީ "އިސްލާމިކް ސްޓޭޓް އޮފް އިރާގް" އެވެ. އަދި އޭގެ ފަހުން އަލް ގައިދާ އިން އިރާގުގެ ނަމުގައި ހަރަކާތްތެރިވުމަށް ފަހު އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ދަ ލޭވެންޓް (އައިއެސްއައިއެލް) ގެ ނަމުގައި ސޫރިޔާއަށް ހަނގުރާމަ ފުޅާ ކުރި އެވެ. އަދި އެންމެ ފަހުން އެ ޖަމާއަތުން ކޮންޓްރޯލް ކުރާ ސަރަހައްދަކީ ވަކި ދައުލަތެއް ކަމަށް އިއުލާން ކުރުމާ ހަމައަށް އެ ޖަމާއަތަށް ކިޔަމުން އައި ނަމަކީ އައިއެސްއައިއެސް އެވެ.

އިރާގާއި ސޫރިޔާއިން ބޮޑު ސަރަހައްދެއް ކޮންޓްރޯލްކޮށްގެން އުފައްދާފައިވާ އައިއެސް ޚިލާފަތުގެ ޚަލީފާއަކީ އަބޫބަކުރު އަލް ބަޣުދާދީ އެވެ.

ޔަމަނާއި އެފްރިކާގެ ބައެއް ގައުމުތަކުގައި އުޅޭ ޖަމާއަތްތައް އަލްގައިދާ ދޫކޮށް އައިއެސްއާ ގުޅެމުން އަންނަ ކަމަށް އެމެރިކާގެ ޖާސޫސީ ބައެއް އޮފިޝަލުން ވަނީ ބުނެފަ އެވެ.