24 Aug 2014, 23:54
ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ ލަނޑެއް ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑަށް ކުރި ހޯދައިދީފައި ވަނިކޮށް އިނގިރޭސި މިޑްފީލްޑަރު ޖެކް ރޮޑްވެލް ޖަހައިދިން ލަނޑާއެކު 1-1 އިން މެޗުގެ ނަތީޖާ ހަމަހަމަކޮށް ސަންޑަލޭންޑުން ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.
އާ ކޯޗު ވެންހާލްގެ އިރުޝާދުގެ ދަށުން މިފަހަރުގެ ލީގުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗު، އަމިއްލަ ދަނޑުގައި ސުވަންސީ ސިޓީއާ ވާދަކޮށް އެޓީމު ވަނީ 2-1 ލަނޑުން ބަލިވެފައެވެ.
ސްޓޭޑިއަމް އޮފް ލައިޓްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން ސަންޑަލޭންޑްގެ ގޯލް ހުޅުވާލީ މެޗުގެ 17 ވަނަ މިނިޓްގައެވެ. އެހެން ނަމަވެސް ޔުނައިޓެޑަށް މެޗުގެ ކުރީ ކޮޅުގައި ލިބުނު ލީޑްގެ ބޭނުން ނުހިފިގެން އުޅެނިކޮށް ސަންޑަލޭންޑުގެ ރޮޑްވެލް ވަނީ މެޗުގެ 30 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 1-1 ލަނޑުން އެއްވަރުކޮށް ލުއިސް ވެންހާލް މޮޅަކަށް ކުރަމުން އައި އުންމީދަށް ހުރަސްއަޅައިފަ އެވެ.
މި ނަތީޖާއާއެކު ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންތައް ވެންހާލްއަށް އަމާޒުވެފައި ވާއިރު، ޔުނައިޓެޑުން މިހާރު ދަނީ، ރެއާލް މެޑްރިޑަށް ކުޅޭ އާޖެންޓީނާ ތަރި، އެންޖަލް ޑި މަރިއާ ގެނައުމުގެ ފަހުގެ ތައްޔާރީތައް ވަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މެޗަށް ފަހު ވެންހާލް ބުނީ، އެންމެ ޕޮއިންޓަކުން ފުއްދާލަން ޖެހުމުން މާޔޫސްވި ކަމަށާއި، ނަތީޖާ ނުނެރެވުނީ، ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ.
"އަހަރެން ދެކޭގޮތުގައި ބޭކާރުކޮށްލައިގެން ނުވާނެ ފަދަ ފުރުސަތުތަކެއް އަހަރެމެން އަތުން ވަނީ ބޭކާރުވެފައި. އަހަރެމެން މެޗު ޑޮމިނޭޓްކުރި ނަމަވެސް ލަނޑު ޖަހާނެ ފުރުސަތެއް ތަނަވަސް ނުކުރެވި ވެސް ގިނަ ވަގުތުތަކެއް ދިޔަ،" ޔުނައިޓެޑްގެ ކޯޗު ބުންޏެވެ. "ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި. އަދި ދެން އޮތް މެޗުން މޮޅުވެއްޖެ ނަމަ އިތުބާރު ލިބޭނެ."
ސަންޑަލޭންޑްގެ ކޯޗު ގޫސް ޕޮއެޓް ބުނީ، އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށާއި، މެޗަށް ނުކުތީ ވެންހާލުގެ ރޭވުންތެރިކަން ވަރަށް ރަނގަޅަށް އެނގި ހުރެ ކަމަށެވެ.
"އަހަރެންނަަށް ވެންހާލް ވަރަށް ރަނގަޅަށް އެނގޭ. އޭނާއަށް ކުޑަވެސް ފުރުސަތެއް ދީފިއްޔާ އޭނާ ބޭނުންވާ ނަތީޖާ ނެރޭނެ،" ޕޮއެޓް ބުންޏެވެ. "އޭނާއަކީ ނަތީޖާ ބަދަކޮށްލަން ދަންނަ އަދި ގިނަ ރޭވުންތަކެއް ގެންގުޅޭ މީހެއް. އެހެން ކަމުން އަހަރެމެން ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ އޭނަގެ ރޭވުންތެރިކަމާ ދެކޮޅަށް ކުޅޭއިރު."
މިރޭގެ މެޗުގެ ނަތީޖާއާ އެކު، ލީގުގައި ޔުނައިޓެޑް ދެ މެޗު ކުޅެގެން ލިބުނު އެންމެ ޕޮއިންޓަކާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ. އަދި ސަންޑަލޭންޑް އޮތީ ކުޅުނު ދެ މެޗުން ލިބުނު ދެ ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.