ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ބަނދަރު ހެދުން ފަދަ މަސައްކަތްތަކުގައި ބޭނުންކުރާ "ކެޓް މެޝިނަރީސް" ފަސޭހަކަމާ އެކު ރާއްޖެއަށް ލިބޭނެ ގޮތް ހެދުމަށްޓަކައި އެމްޓީސީސީ އާއި ޓްރެކްޓާ ސިންގަޕޯ (ޓީއެސްއެލް) އާއި ދެމެދު އެކްސްކުލޫސިވް ޕާޓްނާޝިޕެއް ގާއިމްކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރައްމިއްޔާތެއްގައި "ސެކަންޑް ލެވެލް ޑިސްޓްރިބިއުޓާޝިޕް އެގްރީމެންޓު"ގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެވެ. ޓީއެސްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލަން އޯ އެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެޓް އިކުއިޕްމަންޓް ވިއްކުމާއި އެ އިކުއިޕްމަންޓާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ހުއްދަ އެމްޓީސީސީއަށް ރަސްމީކޮށް ލިބިގެންދާނެ އެވެ. އޭގެ އިތުރުން ކެޓް އިކުއިޕްމަންޓް ވިއްކުމާއި އާފްޓާ ސޭލްސްގެ ޚިދުމަތް ފޯރުކޮށްދިނުން ފަދަ ކަންކަން އެމްޓީސީސީގެ ފަރާތުން ފޯރުކޮއްދޭނެ އެވެ.

އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ހައުސިން މިނިސްޓްރީން ހިންގާ ޕްރޮޖެކްޓް ތަކަށް ވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ މިހާރުވެސް އެ ކުންފުނިން ޖުމްލަ 40 ޕްރޮޖެކްޓް ކުރިއަށްގެންދާ ކަމަށާއި އެ މަސައްކަތް ތަކަށް އެ އެއްބަސްވުމުގެ ސަބަބުން ކުރިއެރުން އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ ކޮލިޓީ ރަނގަޅު ކޮންސްޓްރަކްޝަން މެޝިނަރީޒް ފޯރުކޮށްދީ އެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ކެޓްގެ އާ އުފެއްދުންތައް ރާއްޖެއަށް ތައާރަފްކުރަން މަސައްކަތް ކުރަމުން. މިކަމުގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކަށް ދުނިޔޭގެ ފެންވަރުގެ މެޝިނަރީ ތަޖުރިބާ ކުރުމުގެ ފުރުސަތު އެމްޓީސީސީ މެދުވެރިކޮށް ލިބިގެންދާނެ،" ހަލީމް ވިދާޅުވި އެވެ.

ޓީއެސްއެލްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ދިވެހި ސަރުކާރާއި އެމްޓީސީސީން ކުރިއަށް ގެންދާ ތަފާތު މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

"އެމްޓީސީސީ އާއެކު ސެކަންޑް ލެވެލް ޑިސްޓްރިބިއުޓާޝިޕް އެގްރީމެންޓެއްގައި ސޮއިކުރުމުން ޓީއެސްއެލް އަށް ރާއްޖޭގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވެގެން ދާނެ. އެމްޓީސީސީއާ އެކު ކެޓް ބްރޭންޑް ރާއްޖޭގައި ކުރިއަރާނެ ކަމަށް ގަބޫލުކުރަން،" އެލަން ވިދާޅުވި އެވެ.

ޓީއެސްއެލް އަކީ ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރާ "ކެޓު" ބްރޭންޑުގެ މެޝިނަރީޒް ފޯރުކޮށްދިނުމުގައި މުޅި ދުނިޔޭގައި ވެސް މަޝްހޫރު ކުންފުންޏެކެވެ.