24 Aug 2014, 23:45
ޖަރުމަނު ބުންޑަސްލީގާގައި އެންމެ ފަހުގެ ރަނަރަޕް ބޮރޫޝާ ޑޯޓްމަންޑު ކުޅުނު ފުރަތަމަ މެޗުން ބެޔާ ލެވަކޫސަން އަތުން 2-0 ލަނޑުން ބަލިވެއްޖެ އެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހާފަވަނީ މެޗުފަށައިގެން 9 ވަނަ ސިކުންތުގައި ލެވަކޫސަންގެ ކަރިމް ބެލަރާބީ އެވެ. މިއީ ޖަރުމަނު ލީގުގައި މިހާތަނަށް ޖެހި އެންމެ އަވަސް ލަނޑެވެ. ކުރިން މި ރިކޯޑް އޮތް ތިން ކުޅުންތެރިން ލަނޑުޖެހި ވަގުތައް ވުރެ ވެސް ތިންސިކުންތު އަވަސް ވަގުތެކެވެ. ލެވަކޫސަންގެ ދެވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ 90 މިނިޓްގެ ކުޅުން ހަމަވެ އިތުރު ވަގުތުތެރޭގައި ސްޓެފަން ކެއިސްލިން އެވެ.
ޖަރުމަނު ލީގުގެ އެހެން މެޗުތަކަށް ބަލާއިރު، ހެނޯވާ އާއި ޝާލްކޭ ވާދަކުރި މެޗު 2-1 ލަނޑުން ކާމިޔާބުކުރީ ޝާލްކޭ އެވެ. މައްޝޫރު ހާތާބާލިން އާއި ވާޑަބްރޭމަން ވާދަކުރި މެޗު ނިމިގެން ދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ހޮފެންހަމް ވަނީ އޮގްސްބާގް 2-0 ލަނޑު ބަލިކޮއްފައެވެ. ފްރެއި ބާގްއާއި ވާދަކޮށް އެއިންޓްރެޗް ފްރެންކްފާޓް މޮޅުވެފަވަނީ 1-0 ލަނޑުންނެވެ. އަދި އެފްސީ ކޮލޮން އާއި ހަމްބާގް ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.