މެންޗެސްޓާ ސިޓީގެ ދެ ޑިފެންޑަރުން ކަމަށްވާ މައިކާ ރިޗާޑްސް އާއި މަޓިޔާ ނެސްޓެސިކް ވިއްކާލަން ނިންމައިފިކަމަށް އެކުލަބުގެ ކޯޗު މެނުއަލް ޕެލެގްރިނީ އެއްބަސްވެއްޖެ ކަމަށް ބައެއް ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 14 އަހަރުއްސުރެ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ރިޗާޑްސްގެ މުސާރަ ބޮޑުކޮށް ހަމަވަމުން އަންނަ ކޮންޓްރެކްޓް އައު ކުރަން ބުނުމުން ރިޗާޑްސް އެކަމަށް އިންކާރުކޮށް ސިޓީން ވަކިވާން ނިންމީ އައު ފެށުމެއްގެ ބޭނުމުގައި ކަމަށް އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ދަގާޑިއަން އިން ބުނެފައިވެ އެވެ.

އިންގްލެންޑްގެ އެންމެ ކާމިޔާބު ރައިޓް ބެކެއްގެ ގޮތުގައި ފާހަގަކުރެވުނު ރިޗާޑްސް މިދިޔަ ދެ ސީޒަނުގެ ޕްރިމިއަރް ލީގުން ވެސް ފެނިފައިވަނީ އެންމެ ނުވަ މެޗުންނެވެ. ހަމައެއާއި އެކު އޭނާ ވަނީ ޕެލެގްރިނީގެ ސަމާލުކަމުން ބޭރުވެފައި ކަމަށާއި އެކަން އެހެންވުމުގެ މައިގަނޑު އެއް ސަބަބަކީ އޭނާއަށް ލިބުނު އަނިޔާއަކުން ކުޅުމުގެ ފޯމު ގެއްލުމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މެންޗެސްޓާ ސިޓީގެ ސެންޓަ ބެކަށް ކުޅޭ ނެސްޓެސިކް ވެސް ވަނީ ކޯޗު ޕެލެގްރިނީގެ ސަމާލުކަމުން ބޭރުވެފައެވެ. އެގޮތުން ޕެލެގްރިނީގެ އިރުޝަދުގެ ދަށުން އޭނާ ކުޅެފައިވަނީ ޕްރިމިއާ ލީގުގެ އެންމެ 13 މެޗެވެ.

މެންޗެސްޓާ ސިޓީގެ ދެ ޑިފެންޑަރުން ވިއްކާލުމުގެ ވާހަކަ ފެތުރުމާ ގުޅިގެން ނެސްޓެސިކަށް މިހާތަނަށް އިޓަލީގެ ތިން ކްލަބަކުން ހުށަހެޅުންތައް ލިބިފައިވާ ކަމަށްވެއެވެ. އޭގެތެރޭގައި ރޯމާ އާއި ޔުވެންޓަސް އާއި ނަޕޯލީ ހިމެނޭ ކަމަށް މެންޗެސްޓާ އީވްނިންގް ނޫހުގައިވެ އެވެ. އަދި ރިޗާޑްސް ގެންދަން ވެސްޓްހޭމް އާއި ނިއުކާސްލްއިން ހުށަހަޅާފައިވާ ކަމަށް ވެސް އެނޫހުން ބުންޏެވެ.