ސޫރިޔާގެ ރައްގާ ޕްރޮވިންސްގައިވާ އެގައުމުގެ ވައިގެ ސިފައިންގެ މަރުކަޒެއް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހިފައިފި އެވެ.

ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ދާދި ދެންމެ ބުނީ، ރެއިން ފެށިގެން އައިއެސް އިން ހަމަލާ ދެމުން އައި ތަބްގާ އެއާ ބޭސް މިހާރު އެ ޖަމާއަތުގެ ބާރުގެ ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ބުނީ އެއާބޭސް އައިއެސްގެ ބާރުގެ ދަށަށް ދިޔަ ނަމަވެސް އެތަނުގެ ބޭރުގައި އަދިވެސް ކޮންމެވެސް ވަރަކަށް ހަމަލާ ބަދަލުކުރަމުންދާ ކަމަށެވެ.

އެއާބޭސް ހޯދުމަށް ކުރި ހަނގުރާމައިގައި މަރުވި ސޫރިޔާ ސަރުކާރު ސިފައިންނާއި އެމީހުންނާ ބައިވެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން މަރުވީ ކިތައް މީހުން ކަމެއް އަދި ނޭނގޭ ކަމަށް ވެސް ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުންޏެވެ. އަދި ބުނީ އެ ހަމަލާތަކުގައި އައިއެސްގެ 100 މީހުން މަރުވި ކަމަށެވެ. ނަމަވެސް އައިއެސްގެ ބައެއް ސޯސްތަކުން ބުނީ 125 މީހުން މަރުވި ކަމަށެވެ.'

އެއާބޭސް ދިފާއު ކުރަން ތިބި ސޫރިޔާ ސަރުކާރު ސިފައިން އެތަން ދޫކޮށް ވަށައިގެންވާ ދަނޑު ބިންތަކަށް ގޮސްފައިވާ ކަމަށާއި އެމީހުން ދިއުމަށް އައިއެސް އިން ފުރުސަތު ދިން ކަމަށް ވެސް ބުންޏެވެ.