ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސްޕެޝަލް އިކްނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލުގައި ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ހަނިކުރުމަށާއި ބައެއް މާއްދާތައް އުވާލުމަށް ސަރުކާރާ އިދިކޮޅު އެމްޑީޕީން އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

މާލެ ސިޓީ ކައުންސިލް ހޯލްގައި މިއަދު ހަވީރު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ އެސްއީޒެޑް ބިލަށް 300 އަށްވުރެ ގިނަ އިސްލާހު ހުށަހަޅާފައި ވާނެ ކަމަށެވެ.

ކޮމެޓީގެ މަރުހަލާގެ މަސައްކަތްތައް ނިމިފައިވާ އެސްއީޒެޑް ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގުމަށް އެ ގާނޫނުން ހުއްދަކުރާ ބާވަތުގެ ޒޯންތަކުގެ ތެރެއިން ހިންގާނީ ކިތައް ޒޯންކަން ކަނޑައަޅާނީ މިނިސްޓަރު ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ކަމަށް ވަނީ ބުނެފަ އެވެ. މިހާރު އޮތް ގޮތުން ނަމަ އެކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ހާއްސަ ބޯޑަކުންނެވެ.

ރާއްޖޭގައި ގާއިމުކުރާ ޒޯންތަކުގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކަކީ ކޮބައި ކަމާއި އަދި އެއިން ޒޯނެއްގައި ހިމެނޭ އިންވެސްޓްގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން ބޯޑުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އަހަރަކު އެއްފަހަރަކު އަންގަވަން ވާނެ ކަމަށް ބުނެފައިވާ މާއްދާ ބަދަލު ކުރުމަށް އެމްޑީޕީން ވަނީ ދެ އިސްލާހެއް ހުށަހަޅާފަ އެވެ. އެ ޕާޓީން ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން އެސްއީޒެޑް ގާނޫނުގެ ދަށުން މަސްވެރިކަމާއި ޓޫރިޒަމާއި ވައިގެ ބަނދަރާއި ކަނޑުގެ ބަނދަރު ހިންގުމަށް އިންވެސްޓެއް ނުކުރެވޭނެ އެވެ. އެ މާއްދާއަށް ހުށަހަޅާފައިވާ ދެ ވަނަ އިސްލާހަކީ ރާއްޖޭގައި ގާއިމުކުރާ ޒޯންތަކުގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކަކީ ކޮބައި ކަމާ އަދި އެއިން ޒޯނެއްގައި ހިމެނޭ އިންވެސްޓްގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން ނިންމާނީ ބޯޑުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ އިސްލާހެވެ.

ޒޯންގައި އިންވެސްޓް ކުރަން ވާނެ އެންމެ ކުޑަ މިނެއް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުން ކަމަށް ކަނޑައަޅަންވެސް އެމްޑީޕީން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

ކޮމެޓީން ފާސްކޮށްފައިވާ އެސްއީޒެޑް ބިލްގައިވާ ގޮތުން ޒޯން ގާއިމުކުރަން ޑިވެލޮޕަރަށް، ޕާމިޓެއް ދޫކުރަން ވާނީ އެފަރާތަކުން އެ ޒޯނެއް ތަރައްގީ ކުރުމަށްކުރާ އިންވެސްޓްމަންޓުގެ އަދަދަކީ ރައީސުލްޖުމްހޫރިއްޔާ އެ ޒޯނަކާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އިންވެސްޓްމަންޓްގެ އެންމެ ކުޑަ އަދަދާއި އެއްވަރުގެ ނުވަތަ އެއަދަދަށް ވުރެ ބޮޑު އަދަދެއް ކަމަށްވާނަމަ ކަމަށް ބުނެފައިވެ އެވެ.

އެސްއީޒެޑް ގާނޫނުގެ ދަށުން އުފައްދާ ޒޯންތަކުގެ ކަންކަން ބެލުމަށްޓަކައި ޒޯން ސުޕްރިންޓެންޑެންޓްގެ އިތުރުން ޒޯން ކޮމިޝަނަރެއް ހުންނަވަން ވާނެ ކަމަށް ކަނޑައެޅުމަށް ވަނީ އިސްލާހު ހުށަޅައިފަ އެވެ. އަދި ޒޯން ކޮމިޝަނަރުގެ މައްސޫލިއްޔަތުތައް ވެސް އެ މާއްދާއާއެކު ހުށަހަޅާފައިވެ އެވެ. އަދި އިކްނޮމިކް ޒޯނެއްގައި އިންވެސްޓް ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން އެޒޯން ހިމެނޭ ސަރައްދަކީ ކައުންސިލެއްގެ އިހްތިސާސް ތެރޭގައި އޮތް ސަރައްދެއް ނަމަ އެ ކައުންސިލުގެ ރުހުން ހޯދަން ވާނެ ކަމަށް ބުނެ އިސްލާހެއް ވަނީ ހުށަހަޅާފަ އެވެ.

މިހާރު އޮތް ގޮތުން ނަމަ އުސޫލެއްގެ ގޮތުން ބޯޑަށް ގަބޫލުކުރެވޭ ކަމަށްވާނަމަ އެ ހުށަހެޅުމުގެ ތާރީހުން ފެށިގެން 28 ދުވަހުތެރޭގައި އިނީޝަލް ޕާމިޓެއް ޑިވެލޮޕަރަށް ދޫކޮށް އަދި އެ އިނީޝަލް ޕާމިޓްގެ ތާރީހުން ފެށިގެން 180 ދުވަހުގެ ތެރޭގައި ތަފްސީލް ލިޔުންތައް ހުށަހެޅުގެ ފުރުސަތު ޑިވެލޮޕަރަށް ބޯޑަށް ދެވިދާނެ ކަމަށެވެ.

އޭގެ އިތުރުން ޖުވާ ކުޅުމާއި އެހެން ދީންތަކުގެ މީހުނަށް އަޅުކަން ކުރުމުގެ ހުއްދަ އިކޮނޮމިކް ޒޯނެއްގައި ދީގެން ނުވާނެ ކަމަށް ބަޔާންކޮށް ވެސް އިސްލާހެއް ވަނީ ހުށަހަޅައިފަ އެވެ.

އެސްއީޒެޑް ބިލް ދިރާސާ ކުރުމަށްފަހު ކޮމެޓީން ވަނީ މަޖިލީހުގެ ތަޅުމަށް އެ ބިލް ފޮނުވައިފަ އެވެ.