17 Jan 2011, 10:05
ދައުލަތުން ބަލަހައްޓަމުން އަންނަ ކުދިން އާއިލާތަކާ ހަވާލު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލުމަށް ފަހު ޑްރާފްޓް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ނައިބު މާރިޔާ އަލީ އިއްޔެ ވިދާޅުވީ ކުރީގެ ޗައިލްޑް ޕްރޮޓެކްޝަންގެ އޮތޯރިޓީ އޮތް އިރު ވެސް އާއިލާތަކާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ހަވާލު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އޭރު އެ ގޮތަށް ކުދިން އާއިލާއަކާ ހަވާލު ކުރި އިރު ގަވާއިދެއްގެ ޑްރާފްޓެއް ހަދާފައި އޮތް ކަމަށާއި ނަމަވެސް އިތުރު އަމަލީ ސިފައިއެއް ނައިސް އޮތީ ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި މިހާރު ގަވާއިދަށް ގެންނަން ޖެހޭ ބަދަލު ގެނެސް އޭގެ ޑްރާފްޓް އޭޖީ އަށް ފޮނުވާފައި ވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އެކުލަވާލި ގަވާއިދުގެ ޑްރާފްޓް އޭޖީ އޮފީހުން ބެލުމަށް ފަހު ފާސްކުރިހާ އަވަހަކަށް ގެޒެޓް ކުރާނެ ކަމަށެވެ.
މާރިޔާ ވިދާޅުވީ އެ ގަވާއިދުގެ ދަށުން ފޮސްޓާ ޕެނަލެއް ]ދައުލަތުގެ ބެލެނިވެރިކަން ހަވާލުކުރުމާ ބެހޭ ގޮތުން ނިންމާ ޕެނަލެއް[ އެ ގަވާއިދުގައި އޮންނާނެ ކަމަށެވެ. އެ ޕެނަލްގައި ކަމާ ބެހޭ ހުރިހާ އިދާރާއެއްގެ މީހުން ހިމެނެ އެވެ.
މާރިޔާ ވިދާޅުވީ މިފަހަރު ޕެނަލެއް އެކުލަވާލީ ހުޅުމާލޭން ފެނުނު ކުއްޖާ ބޭނުންވެގެން ގިނަ ބަޔަކު އެދެމުން ކަމަށެވެ. އަދި އެ ކުއްޖާ ބޭނުންވެގެން ސަތޭކަ އަށް ވުރެ ގިނަ މީހުން އެދިފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. އަދި ގިނަ ބަޔަކު އެ ކުއްޖާ ބޭނުން ވެގެން އެދުމުން ވީހާ ވެސް ދެފުށް ފެންނަ ގޮތަކަށް އެކަން ކުރަން ބޭނުންވީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަކި ބަޔަކާ އެ މިނިސްޓްރީން އެ ކުއްޖާ ހަވާލު ކުރުމުގެ ބަދަލުގައި ޕެނަލްގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންގެ އިރުޝާދާއެކު ކުއްޖާ ހަވާލު ކުރާނެ ފަރާތް ނިންމީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ކުއްޖާ ބޭނުންވެގެން ގިނަ ބަޔަކު އެދުނުކަމީ ވަރަށް އުފާކުރާ، މުޖްތަމަޢު އެކަމަށް ހޭލުންތެރިވެފައިވާ މިންވަރު އެނގުނު ކަމެއް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.