އެސްޓީއޯގެ ސަބްސިޑަރީ ތެޔޮ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެފްއެސްއެމް) އިން ދަރަންޏަށް ތެޔޮ ގަތް ހޭރިޔާ އިންވެެސްޓްމަންޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްޓީއޯއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ގއ. އަތޮޅުގައި ތެލުގެ ވިޔަފާރި ކުރި ހޭރިޔާ އިންވެެސްޓްމަންޓުން ދަރަންޏަށް ނަގާފައިވާ ތެލުގެ ބާވަތްތަކަށް ދައްކަން ޖެހޭ 2،062،405.30 ރުފިޔާ ހޯދަން އެފްއެސްއެމުން ސިވިލް ކޯޓުގައި ދައުވާ ކުރީ 2012 ވަނަ އަހަރު އެވެ. އެފްއެސްއެމުން ހޭރިޔާ އިންވެސްޓްމަންޓުގެ މައްޗަށް ކުރި ދައުވާއަށް ޝަރީއަތް ހިންގުމަށްފަހު ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެފްއެސްއެމަށް ދައްކަން ޖެހޭ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަ މަސް ދުވަހުގެ ތެރޭ ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުން ހޭރިޔާ އިންވެެސްޓްމަންޓުން ކޮންމެ މަހަކު 343،734 ރުފިޔާ ސިވިލް ކޯޓަށް ދައްކަންޖެހެ އެވެ. އެ ފައިސާ ދައްކަން ހުކުމްކޮށްފައި ވަނީ ހޭރިޔާ އިންވެސްޓްމަންޓުގެ ވެރިފަރާތް ގއ. ކޮލަމާފުށީ، ހީރާގެ ސީމާ އަލީގެ މައްޗަށެވެ.

އެފްއެސްއެމުން ކުރި ދައުވާއާ ހަވާލާދީ ހުކުމްގައި ބުނެފައިވާ ގޮތުން އެ ދައުވާއަށް ހޭރިޔާ އިންވެސްޓްމަންޓުން އިންކާރު ކުރި ނަމަވެސް އެފްއެސްއެމާ މުއާމަލާތް ކޮށްފައި ވަނީ ހޭރިޔާ އިންވެސްޓްމަންޓުން ކަމަށް އޮޅުމެއް ނެތް ގޮތުގައި އެނގެން އޮތް ކަމަށެވެ. ހޭރިޔާ އިންވެސްޓްމަންޓުން ދަރަންޏަށް ތެޔޮ ގަތްކަން ލިޔެކިޔުމަށް ބެލުމުން އެނގެން އޮތް ކަމަށް ހުކުމްގައިވެ އެވެ.

"ދައުވާގައި ހޯދަން އެދިފައިވާ ޖުމްލަ 2،062،405.30 ރުފިޔާއަކީ ދައުވާ ލިބޭ ފަރާތުން ދައުވާކުރާ ފަރާތަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ،" ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ޖޫން 30، 2014 ވަނަ ދުވަހު ކުރި ހުކުމްގައިވެ އެވެ.

ދަރަންޏަށް ނަގާފައިވާ ތެލުގެ ގޮތުގައި ދައްކަން ޖެހޭ ދެ މިލިއަން ވުރެ ގިނަ ރުފިޔާ އެސްޓީއޯއަށް ނުދައްކައިފިނަމަ، ރަހުނުކޮށްފައިވާ ހޭރިޔާ އިންވެސްޓްމަންޓުގެ އުނޅަދުތައް ވިއްކާލައިގެން އެ ފައިސާ ހޯދަން ކަނޑައަޅައިދިމަށް އެފްއެސްއެމުން ކޯޓުގައި ކުރި ދައުވާގައި އެދުނެވެ. ނަމަވެސް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ރަހުނުކޮށްފައިވާ އުޅަނދުތައް ވިއްކާލައިގެން ފައިސާ ހޯދުމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.