24 Aug 2014, 17:46
މަސްތުވާތަކެތި ގެންގުޅުނު މީހަކު އުމުރަށް ޖަލަށްލުމާ އެކު 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ މ. ކޯޓުމާގޭ އަބްދުއްލަތީފް ޔޫސުފް،51، ގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގައި ބުނެފައިވާ މަސްތުވާތަކެތި އަބްދުއްލަތީފްގެ އަތުން ފެނިފައިވާ ކަމަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހ. މެރީގޯލްޑް ވިލާ ފުލުހުން ބަލައި ފާސްކުރި އިރު އޭނާ ދިރިއުޅޭ ކޮޓަރިން 2994.7248 ގްރާމް ކެނަބިސް ވަނީ ފެނިފަ އެވެ.
"މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 106 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުން އަބްދުއްލަތީގް ޔޫސުފް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވިދިޔާ ގާނޫނުގެ 106 ވަނަ މާއްދާގެ (ނ) ގެ ދަށުން އަބްދުއްލަތީފް ޔޫސުފް 100،000ރ. އިން ޖޫރިމަނާކުރުމާ އެކު އަބްދުއްލަތީފް ޔޫސުފް އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.