24 Aug 2014, 17:05
ކުދިކުދި ކުށްތަކުގައި ކުށަށް އަރައިގަންނަ ފުރަތަމަ ފަހަރު އެމީހެއްގެ މައްޗަށް ދައުވާ ނުކޮށް ދޫކޮށްލާ ސިޔާސަތު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ތައާރަފްކޮށްފި އެވެ.
މިއަދު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވީ "ކުށުގެ ތުހުމަތުގައިވާ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމުގެ އުސޫލު"ގެ ދަށުން ފުރުސަތު ދިނުމުގައި އަށް ކަމަކަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ.
އެގޮތުން ތުހުމަތު ކުރެވިފައިވާ ކުށުގެ ކުޑަ ބޮޑުމިނާއި ބާވަތުގެ އިތުރުން ކުށްކޮށްފައިވާ ގޮތާއި ހާލަތަށާއި ތުހުމަތު ކުރެވިފައިވާ ކުށުގެ އަދަބާއި ބާވަތާއި ދަޖަ އާއި ތުހުމަތު ކުރެވޭ މައްސަލައިގެ ސަބަބުން އެއްވެސް ފަރާތަކަށް ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާއެއް ލިބިފައިވާ މިންވަރާއި އަނިޔާ ލިބޭ ފަރާތް ދެކޭ ގޮތް ވެސް ބަލާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެފަދަ ފުރުސަތުތަކެއް ދިނުމުގައި ތުހުމަތު ކުރެވޭ ފަރާތަށް ކުރިން އިސްލާހުވުމުގެ ފުރުސަތު ލިބިފައިވާ ނަމަ އެ ފުރުސަތުގެ ބޭނުން ހިފާފައިވާ ގޮތަށް ބަލާނެ ކަމަށް ވެސް ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވި އެވެ.
މުހުތާޒު ވިދާޅުވީ ދައުވާ ނުކޮށް ދޫކޮށްލައި އިސްލާހުވުމުގެ ފުރުސަތުދޭނެ ފަރާތްތައް ކަނޑައަޅާނީ އެކަމަށް ޓަކައި އެކުލަވާލާ ޚާއްސަ ކޮމެޓީއަކުން ކަމަށާއި އިސްލާމްދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއްގައި ދައުވާ ނުކޮށް ދޫކޮށްނުލެވޭނެ ކަމަށެވެ.
"ޖުމްލަ ގޮތެއްގައި މިކަން މި އޮފީހުން ކުރަމުން ގެންދާ އިރު، މީގެ ރެކޯޑު ބެލެހެއްޓެމުން ދާނެ. އަދި އިތުރު ފުރުސަތުދޭނެ މުއްދަތު ކަނޑައަޅަނީ އެކަމަށް ޓަކައި އަޅުގަނޑު އެކުލަވާލާ ކޮމެޓީއަކުން. ކޭސްބައި ކޭސް ބޭސިސްއަކުން. މިސާލަކަށް މާރާމާރީ މައްސަލަތަކުގައި ކިހާ މުއްދަތެއްތޯ ކަނޑައަޅާނީ. އާދައިގެ ކުދި ވައްކަމުގެ މައްސަލަތަކުގައި ކިހާ މުއްދަތެއްތޯ ގްރޭސް ޕީރިއަޑަށް ކަނޑައަޅާނީ. އެކަން އެކަށައެޅިގެންދާނެ،" މުހުތާޒު ވިދާޅުވި އެވެ.
އެފަދަ އުސޫލެއް އެކަށައެޅިކަމުގައި ވިޔަސް އެ އުސޫލަށް ފެތޭ ބާވަތުގެ ޖިނާއީ ކުށްތަކުގެ ތެރެއިން ވެސް ދައުވާ އުފުލުމަށް ކޮންމެހެން ފެންނަ މައްސަލަތަކުގައި ދައުވާ ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދައުވާ ނުކޮށް ދޫކޮށްލުމުގައި ތުހުމަތު ކުރެވޭ ފަރާތާ އެކު އެއްބަސްވުމެއް ވެވޭނެ ކަމަށާއި އެ އުސޫލުގެ ދަށުން ފުރުސަތު ދެވޭނީ ތިމާ އަށް ކުށެއް ކުރެވުނު ކަމަށް އަމިއްލަ އަށް ގާބޫލުކުރާ މީހުންނަށް އެކަނި ކަމަށް ވެސް ވިދާޅުވި އެވެ.
"ކުށަށް އިއުތިރާފުވެފައި، ތިމާއަށް ކުށެއް ކުރެވުނީ ކަމަށް ގަބޫލުކުރާ ފަރާތްތަކަށް އަޅުގަނޑުމެން މީގެ ދަށުން މި ޕޮލިސީ މި ދެނީ. އެނގިލައްވާނެ މީގައި ހިމަނާފައި އޮންނާނެ އަޅުގަނޑުމެން ވައްކަމެއް ކޮށްފި ކަމަށް ވަންޏާ ގެއަކުން 200 ރުފިޔާ ވަގަށް ނެގީ. މަސްދަޅެއް ވަގަށް ނެގީ. އެއަށްވާ އަގު ރިޓާން ކުރެވެން ޖެހޭނެ. އެހެންވީމާ އޭނައާ އެކު ވެވޭ އެއްބަސްވުންތަކެއް ވެސް ހުންނާނެ،" މުހުތާޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ އުސޫލުގެ ދަށުން ފުރުސަތު ދިނުމުގައި އެއްވެސް މައްސަލައަކާ ގުޅިގެން މީހެއްގެ މާލީ ހައްގެއް ގެއްލިފައި އޮތް ނަމަ އެ ހައްގު އަދާކުރުމަށް އެ އޮފީހުން ބާރުއަޅާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކުރާ ނަމަ އެމީހެއްގެ ކުށުގެ ރެކޯޑު ފޮހެލެވޭނެ ކަމަށާއި އެގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ވަޒީފާގެ ފުރުސަތުތައް ލިބުމަށް އޮތް ހުރަސް ނައްތާލުން ކަމަށް ވެސް ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވި އެވެ.
"މިއުސޫލުގެ ދަށުން ފުރުސަތު ދެވޭ ފަރާތްތަކުގެ ކުށުގެ ރެކޯޑު އެ ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައި އިތުރުކުށެއް ނުކުރާ ނަމަ އަޅުގަނޑުމެން ފޮހެލަ ދޭނަން،" މުހުތާޒު ވިދާޅުވި އެވެ.