ދެކުނު އިންޑިއާގެ ކެރެލާ ސްޓޭޓްގައި ބަނގުރާ ވިއްކުން މުޅިން މަނާކުރަން އެ ސްޓޭޓްގެ ސަރުކާރުން ނިންމައިފި އެވެ.

ކެރެލާ ރީޖަނަލް ސަރުކާރުން އިއްޔެ ބުނި ކަމަށް މަނޯރާމާ އޮންލައިން ނޫހުން ބުނީ އެ ސްޓޭޓްގައި ބަނގުރާ ވިއްކުން 2023 ވަނަ އަހަރާ ހަމައަށް މުޅިން ހުއްޓުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ފަސް ތަރިއަށް ވުރެ ދަށު ފަންތީގެ ހޮޓާތަކުގައިވާ 730 ބާ މިހާރުން ފެށިގެން ބަންދުކޮށް ނިންމާނެ ކަމަށެވެ. އަދި އޭގެ ތެރެއިން 418 ބާ މިދިޔަ އޭޕްރިލް މަހު ބަންދުކޮށްފައިވާ ކަމަށާއި މިފަހަރުގެ އަމުރާ ގުޅިގެން އިތުރު 312 ބާ ބަންދުކުރާނެ ކަން ސަރުކާރުން އިއުލާނުކޮށްފައިވާ ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

ކެރެލާ ސަރުކާރުން ބުނެފައި ވަނީ ސަރުކާރުގެ އެ އަމުރާ ހިލާފުވާ މީހުންނާ މެދު އިޖުތިމާއީ މިންގަނޑާ ހިލާފު ވުން މަނާކުރާ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ކެރެލާގައި ރާ ވިއްކުން މުޅިން މަނާކުރާ އިރު އެ ސްޓޭޓަށް ރާ އެތެރެކުރުން ހުއްޓުވުމަށް ހާއްސަ މޮނިޓަރިން ސިސްޓަމެއް ގާއިމްކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ރާވިއްކުން މަނާކުރަން ކެރެލާ ސަރުކާރުން ނިންމީ ރާބުއިމުގެ ސަބަބުން ހިނގާ މަގުމަތީގެ އެކްސިޑެންޓްތަކާއި ކައިވެނިތައް ރޫޅުން ފަދަ މައްސަލަތައް ބޮޑުވެގެންނެވެ.