މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ހޯދުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ފުލުހުން މާލެ އާއި އަތޮޅު ތެރޭގެ ފަޅުރަށްތައް ބަލައި ފާސްކޮށްފި އެވެ.

ފުލުހުން ބުނީ ރިޟުވާން ހޯދުމަށް ކުރިއަށް ގެންދާ ތަހުގީގުގައި ލިބޭ ތަފާތު މައުލޫމާތުގެ މައްޗަށް ބިނާކޮށް ފަޅު ރަށްތަކުގެ އިތުރުން މީހުން އުޅޭ ރަށްރަށް ވެސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ބޮޑެތި ރަށްރަށަށް ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާ އުޅަނދު ފަހަރާއި މާލެ އާއި ހުޅުމާލޭގެ ފަޅުގައި ހުރި ބައެއް އުޅަނދުތައް ވެސް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިޟުވާން ހޯދުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ފުލުހުން ގެންދަނީ މީހުން ދިރިއުޅޭ ބައެއް ފްލެޓްތަކާއި ގެސްޓް ހައުސް ފަދަ ތަންތަނުގެ އިތުރުން ގެތައް ވެސް ބަލައި ފާސް ކުރަމުންނެވެ.

ރިޟުވާން ގެއްލުނު ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގައި އޭނާ ދިރުއުޅޭ އެޕާޓްމަންޓް ކުރިމަތިން މީހަކު ގަދަކަމުން ރަތް ކުލައިގެ ޕްރައިވެޓް ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށްވެ އެވެ. އެ މައްސަލަ ވެސް ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ތަހުގީގު ކުރިއަށް ދަނިކޮށް ރިޟުވާން މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީޓާމިނަލުން ޓިކެޓް ގަނެގެން ޓާމިނަލުން އެތެރެއަށްދާ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖްއެއް ވަނީ އާއްމުވެފަ އެވެ. ނަމަވެސް އޭނާ ހުޅުމާލެއަށް ގޮސްފައިވާކަން ޔަގީން ކުރެވިފައިނުވާ ކަމަށް ފުލުހުން މިހާތަނަށް ވަނީ ބުނެފަ އެވެ.

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާނާ ބެހޭ މައުލޫމާތެއްދޭ ފަރާތަކަށް 50،000 ރުފިޔާ ދިނުމަށް އޭނާގެ އާއިލާއިން ވަނީ ނިންމައިފަ އެވެ.