ވިދިވިދިގެން ދެއަހަރު ވަންދެން ހޯމް މިނިސްޓްރީއަށް އަހަރީ ރިޕޯޓް ހުށަ ނޭޅުމާއި ހިންގާ ކޮމިޓީ އިންތިހާބު ނުކުރުމުގެ ސަބަބުން ގާނޫނާ ގަވައިދާ ހިލާފުވެފައިވާ ޖަމިއްޔާތަކުން ރިޕޯޓް ހުށަހަޅައި، ގާނޫނާއި ގަވައިދުގެ ތެރެއަށް ރުޖޫއަވުމަށް އެ މިނިސްޓްރީން މުހުލަތެއް ދީފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެފަދަ ޖަމިއްޔާތައް ގާނޫނާއި ގަވައިދުގެ ތެރެއަށް އަލުން ރުޖޫއަ ވުމަށް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ފުރުސަތުދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އަހަރީ ރިޕޯޓާއި ހިންގާ ކޮމިޓީ ހުށަހެޅުން އެދޭ ކަމަށާއި ހުށަހަޅަން ވާނީ 1500 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށް އެ އިއުލާނުގައި ވެއެވެ.

އަދި ބުނެފައި ވަނީ މި މުއްދަތުގެ ތެރޭގައި ހިންގާ ކޮމިޓީއާއި އަހަރީ ރިޕޯޓް ހުށަނާޅާ ޖަމިއްޔާތައް، ޖަމިއްޔާތަކުގެ ދަފުތަރުން އުނިކުރެވޭނެ ކަމަށެވެ. އަދި މިފުރުސަތުގެ ބޭނުން ނުހިފާ ޖަމިއްޔާ ތަކަށް އަލުން ފުރުސަތު ނުދޭނެ ކަމަށެވެ.

ހޯމް މިނިސްޓްރީން ޖަމިއްޔާތަކަށް މިފަދަ ފުރުސަތެއް ދޭނެކަން އިއުލާނު ކޮށްފައި ވާއިރު އެޓާނީ ޖެނެރަލް އަހުމަދު އަނިލް ކުރިން ވިދާޅުވެފައި ވަނީ ރަޖިސްޓްރީ ނުކޮށް ވެސް ރާއްޖޭގައި ޖަމިއްޔާ ޖަމާއަތްތައް ހިންގޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ޖަމިއްޔާ ތަކާ ބެހޭ ގާނޫނަކީ ރާއްޖޭގެ ގާނޫނު އަސާސީއާ ފައި ހަމަ ގާނޫނެއް ނޫން ކަމަށް ވެސް އަނިލް ވިދާޅުވެފައިވެ އެވެ.