ތެހެރާން (އޮގަސްޓް 24) : ޢަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ޓަކައި އީރާނުގެ ސައެންސްވެރިން ކުރަމުންގެންދާ ރީސާޗްތަކާއި އެ ރީސާޗްތަކުގައި ހަރަކާތްތެރިވާ ސައެންސްވެރިންނާ ބެހޭ އެއްވެސް މައުލޫމާތެއް ބޭރުގެ އެއްވެސް ފަރާތަކާ ހިއްސާ ނުކުރާނެ ކަމަށާއަދި އީރާނުގެ ބާޝިން ނިއުކްލިޔާ ރީސާޗް ލެބޯޓްރީ އަށް ވަނުމުގެ ފުރްސަތު ވެސް އދ.ގެ އިނިސްޕެކްޓަރުންނަށް ނުދޭނެ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުން ކުރިޔަށްގެންދާ ނިއުކްލިޔާ ބައެއް ރީސާޗްތަކާއި އޭގައި ބައިވެރިވާ ސައެންސްވެރިންނާ ބެހޭ މައްލޫމާތު ދިނުމަށް އިންޓަނޭޝަނަލް އެޓަމިކް އެނަޖީ އެޖެންސީ (އައިއޭއީއޭ) އިން އީރާނުގެ ކިބައިން އެދުމާގުޅިގެން ދެއްވި ބަޔާނެއްގައި އީރާނުގެ ދިފާއީ ވަޒީރު ބްރިގޭޑިޔާ ޖެނެރަލް ޙުސައިން ދަހްގާން ވިދާޅުވީ ޢަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް އީރާނުން ކުރިޔަށްގެންދާ ރީސާޗް ތަކަކީ ދެވަނަ ފަރަތަކަށް އޭގެ މައުލޫމާތު ދެވޭނެ ރީސާޗްތަކެއް ނޫންކަމުގަ އެވެ. އަދި އައިއޭއީއޭ އަށް ހުޅަނގުގެ ނުފޫޒު ފޯރާފައިވުމުން ނިއުކްލިޔާ ފެތުރުން މަނާކުރާ މުޢަހަދާގެ ދަށުން ކޮންމެހެން ދޭން ޖެހޭ މަޢުލޫމާތެއް މެނުވީ އެއެޖެންސީއާ އީރާނުން ހިއްސާ ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފަޒާގެ ޓެކްނޮލޮޖީއާއި މިސައިލް ޓެކްނޮލޮޖީއާއި އެނޫން ވެސް ހަތިޔާރުގެ ޓެކްނޮލޮޖީގެ 400 އަށް ވުރެ ގިނަ ރީސާޗް މަޝްރޫޢުތައް އީރާނުގެ އެތަށް ހާސް ސައެންސްޓުން ކުރިޔަށްގެންދާ ކަމަށް ހުޅަނގުން ބުނެ އެވެ.

އީރާން ތުހުމަތު ކުރާގޮތުގައި އައިއޭއީއޭ ން ގެންދަނީ އެ ޖަމްއިއްޔާގެ އިޚްތިސާސުން ބޭރުގެ ކަންތައްތަކުގެ ތެރެއަށް ވެސް ވަދެ ބިރުދެއްކުމެއްގެ ތެރެއިން އީރާނުގެ ރޮކެޓް ސައެންސްގެ ރީސާޗް މަޝްރޫޢުތަކުގެ މައުލޫމާތު ހޯދުމަށް ވެސް މަސައްކަތްކުރަމުންނެވެ. ނަމަވެސް އައިއޭއީއޭ އިން މިތުހުމަތުތަކަށް އިންކާރު ކުރެއެވެ.

އީރާނުން ދާދިފަހުން ވަނީ އެގައުމުން ކުރިޔަށްގެންދާ ޢަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ އެތައް ސަތޭކަ ރީސާޗްތަކުގެ ތެރެއިން އުފައްދާފައިވާ 270 އަށް ވުރެ ގިނަ ޓެކްނޮލޮޖީގެ އުފެއްދުންތައް ކައިރި މުސްތަގްބަލެއްގައި ދައްކާލާނެ ކަމަށްބުނެފަ އެވެ. މިއުފެއްދުންތަކުގެ ތެރޭގައި ރާޑަރާއި ސުޕަރކޮންޕިއުޓާރާއި ކްރޫޒް މިސައިލާއި އަމިއްލައަށް އާމާޒު ހޯދައިގެން ދަތުރުކުރާ ސްމާޓް މިސައިލް އާއި ސަބްމެރިން އާއި އަސްކަރީ ފައިޓަރ ޖެޓް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ އިތުރުން އައިއޭއީއޭ އިން ވަނީ އީރާނުގެ ނިއުކްލިޔާ ރީސާޗް ލެބޯޓްރީ އެއްކަމަށްވާ ބާޝިން ނިއުކްލިޔާ ލެބޯޓްރީ އަށް އައިއޭއީއޭގެ އިނިސްޕެކްޓަރުން ވަނުމުގެ ފުރްސަތުދިނުމަށް ވެސް އަލުން އީރާނަށް ގޮވާލާފަ އެވެ. މިކަމާބެހޭ ގޮތުން އީރާނުގެ ދިފާއީ ވަޒީރު ވިދާޅުވީ ބާޝިން ނިއުކްލިޔާ ލެބޯޓްރީ އަށް ވަނުމުގެ ފުރްސަތު ފާއިތުވި އަހަރުތަކުގައި އައިއޭއީއޭގެ އިނިސްޕެކްޓަރުންނަށް ދެފަހަރެއްގެ މަތިން ދީފައިވާނެ ކަމަށާއި ދެން އެއްވެސް ވަރަކަށް އެފުރްސަތު ނުދެވޭނެ ކަމުގަ އެވެ. އަދި ބާޝިން ނިއުކްލިޔާ ލެބޯޓްރީ ބަލައި ފާސްކުރި އިރު ނިއުކްލިޔާ ފެތުރުން މަނާކުރާ މުޢާހަދާއާ ޚިލާފު އަމަލެއް އެތަނުގައި ހިންގާކަމުގެ ހެއްކެތްނެތްކަމުގެ ލިޔުން އދ.ގެ އިނިސްޕެކްޓަރުންގެ ފަރާތުން ލިބިފައިވާ ކަމަށާއި ދެން އެތަނަށް ވަނުމުގެ ފުރްސަތު އައިއޭއީއޭ އަށް ދޭންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވެސް އީރާނުގެ ދިފާޢީ ވަޒީރު ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)